ރާއްޖެއަކީ ބޭރުން ގެންނަ މުދަލަށް މުޅިންހެން ބަރޯސާވެފައިވާ ގައުމެކެވެ. އެހެންކަމުން ރާއްޖޭގެ މައި ވިޔަފާރި ބަނދަރަކީ މުޅި ގައުމުގެ އިގްތިސާދީ މައި ދޮރާއްޓެވެ. މި ބޮޑު އަދި މުހިންމު ޒިންމާ ފާއިތުވި ދިގު މާޒީގައި އުފުލަމުން އައި ކުންފުންޏަކީ އެމްޕީއެލްއެވެ. މިއަދު އެ ކުންފުނި މިވަނީ އާ ހިދުމަތްތަކަކާއި ކުރިއެރުންތަކަކާއެކު 40 އަހަރުގެ ދިގު އަދި ކާމިޔާބު ދަތުރެއް ފުރިހަމަކޮށްފައެވެ.

ރާއްޖޭގެ ބަނދަރުގެ ހިދުމަތްތައް ރަސްމީ ސިފައެއްގައި ހަރުދަނާކުރުމުގެ މަސައްކަތް ފެށުނީ 15 ސެޕްޓެމްބަރު 1986 ގައެވެ. އެއީ ރާއްޖޭގެ ޕޯޓްސް އޮތޯރިޓީ، ނުވަތަ އޭރުގެ ނަމުން ނަމަ އެމްޕީއޭ އުފެދުނު ތާރީހެވެ. އޭގެ ފަހުން 2008 ވަނަ އަހަރު އެ ކުންފުނީގެ ނަން އެމްޕީއެލްއަށް ބަދަލުކުރެވި، ވިޔަފާރި އުސޫލުން ހިންގާ ބޮޑު ކުންފުންޏަކަށް އެތަން ވަނީ ބަދަލުވެފައެވެ.

ފާއިތުވި 40 އަހަރުގެ ތެރޭގައި އެމްޕީއެލްއިން ވަނީ ރާއްޖޭގެ އިގްތިސާދީ ދުވެއްޔާ އެއްވަރަށް އެ ކުންފުނީގެ އޮޕަރޭޝަންތައް ފުޅާކޮށްފައެވެ. އާދައިގެ ގޮތަކަށް ފެށި ބަނދަރުގެ މަސައްކަތްތައް މިއަދު މިވަނީ ޒަމާނީ ވަސީލަތްތަކާއެކު އިންޓަނޭޝަނަލް ފެންވަރުގެ ހިދުމަތްތަކަކަށް ބަދަލުވެފައެވެ. ގައުމަށް އެތެރެކުރާ ގިނަ މުދާ ހަލުވިކަމާއެކު ބާލައި، ރައްކާތެރިކަމާއެކު ވިޔަފާރިވެރިންނާ ހަވާލުކުރުމުގައި އެމްޕީއެލްގެ މުވައްޒަފުން އަންނަނީ ރޭގަނޑާއި ދުވާލު މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.

އަސާސީ ބަނދަރުގެ ހިދުމަތްތަކުގެ އިތުރުން، އެމްޕީއެލްއިން ދާދި ފަހުން ވަނީ އާ ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން މާލޭ އުތުރު ބަނދަރުގެ ޒޯން އޭގައި ފެނާއި ކަރަންޓް ދޫކުރުމުގެ ހިދުމަތް ފަށައި، އާ 16 ފެން ސަޕްލައި ޕޮއިންޓް ވަނީ ގާއިމުކޮށްފައެވެ. މީގެ ސަބަބުން އެއްފަހަރާ 48 އުޅަނދަށް ކަރަންޓް ދިނުމުގެ ލުއިފަސޭހަ ލިބި، އޮޑިވެރިންނަށް ބޮޑު ހިތްހަމަޖެހުމެއް ވަނީ ގެނެސްދީފައެވެ.

ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައިވެސް އެމްޕީއެލް އަކީ މުހިންމު ބައިވެރިއެކެވެ. އެގޮތުން ކަނޑުމަގުން ގެންނަ މުދާ ވައިގެމަގުން ފޮނުވައިދޭ ސީ-ޓު-އެއާ ކާގޯގެ ހިދުމަތް އެ ކުންފުނިން ވަނީ ތައާރަފުކޮށްފައެވެ. މިއީ ރާއްޖޭގެ ވިޔަފާރިއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މީގެ އިތުރުން އެސްޓީއޯއާ ގުޅިގެން ރާއްޖޭގެ އުތުރުގައި އޮފްޝޯ ފިއުލް ބަންކަރިންގެ ހިދުމަތްވެސް އެމްޕީއެލްއިން ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އިންޓަނޭޝަނަލް ކަނޑު ދަތުރުފަތުރުގެ ޗާޓުގައި ރާއްޖެ ފާހަގަވެ، ބޭރު ފައިސާ ވަންނާނެ އާ ދޮރެއް ވަނީ ހުޅުވިފައެވެ.

ޓޫރިޒަމް އަދި މެރިޓައިމް ދާއިރާއަށް އަމާޒުކޮށްގެންވެސް އެމްޕީއެލްއިން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. ހއ. އުލިގަން ޔޮޓް މެރީނާ އިންޓަނޭޝަނަލް ހަބަކަށް ހެދުމުގެ ބޮޑު ޒިންމާއާ އެ ކުންފުނިން ވަނީ ހަވާލުވެފައެވެ. މީގެ ސަބަބުން އުތުރުގެ ޓޫރިޒަމް ކުރިއަރައި، އެ ސަރަހައްދުގެ ރައްޔިތުންނަށް ވަޒީފާގެ އާ ފުރުސަތުތައް ފަހިވެގެންދާނެއެވެ.

އެތައް ކުރިއެރުމެއް ހޯދާފައިވީ ނަމަވެސް، މާލޭގެ ކޮމާޝަލް ހާބަރުގައި ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެ، އޮޕަރޭޝަންތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. މުދާ ބާލާ ސަރަހައްދު ކުޑަވުމާއި، ބޯޓުފަހަރު ގިނަ ދުވަހު ބަނދަރުގައި މަޑުކުރަން ޖެހުމަކީ ވިޔަފާރިވެރިންގެ ބޮޑު ޝަކުވާއެކެވެ.

މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން އެމްޕީއެލްގެ މުޅި ތާރީހުގައިވެސް ހިންގާ އެންމެ ބޮޑު މަޝްރޫއު މިހާރު ވަނީ ފަށާފައެވެ. އެއީ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއެވެ. މި އާ ބަނދަރާއެކު ޖާގައިގެ ދަތިކަމަށް އެއްކޮށް ހައްލު ލިބިގެންދާނެއެވެ.

ތިލަފުއްޓަށް ކޮމާޝަލް ހާބަރު ބަދަލުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށެވެ. އެ އާ ބަނދަރާއެކު އެމްޕީއެލްގެ 40 އަހަރުގެ ކާމިޔާބު މާޒީއަށްފަހު، ރާއްޖޭގެ އިގްތިސާދީ އާ ބާބެއް ފެށި، އޮޕަރޭޝަންތައް އެތައް ގުނައެއް ހަލުވިވެގެންދާނެއެވެ.