މި އަހަރުގެ އޮކޮޓޯބަރ މަހު ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބް ކައިރިވެފައިވާއިރު، ޖަޕާނުގެ ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވަނީ އެ ގައުމުގެ ބޮޑުވަޒީރު ޔޮޝިހިޑެ ސޫގާ އާއި ދިމާލަށެވެ. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި ސޫގާ އަށް އޮތް ތާއީދު މިހާރު ވަނީ ވަރަށްބޮޑަށް ދަށްވެ، އިންތިޚާބު ނާކާމިޔާބު ވެދާނެކަމުގެ ބިރު ހީވެފައެވެ.  

2020 ވަނަ އަހަރުގެ އޮލިމްޕިކްސް ޖަޕާނުގައި ބޭއްވުނުގޮތާއި ގުޅިގެން ބޮޑުވަޒީރު ސޫގާއަށް ވަނީ ގިނަ ބަޔަކު ފާޑު ކިޔާފައެވެ. ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ ސޫގާ ވަނީ މާ ފަސޭހައިން 'އައި އޯ ސީ' (އިންޓަރނޭޝަނަލް އޮލިމްޕިކްސް ކޮމިޓީ)ގެ ގޮވާލުމަށް އިޖާބަދީ، ގައުމުގެ ހާލަތާ ދޭތެރޭ ނުވިސްނަވާ އަމަލު ކުރައްވާފައި ކަމަށެވެ.

ޖަޕާނުގައި ބޭއްވި އޮލިމްޕިކްސް މުބާރާތް ފެށެން 14 ދުވަހަށް ގާތްވެފައި ވަނިކޮށް އެ ގައުމުގައި ވަނީ އަލަށް ފެނުނު ޑެލްޓާ ވޭރިއަންޓް ގެ ގިނަ ކޭސްތަކެއް ފެނިފައެވެ. އަދި މި މުބާރާތް ފެށިގެން ދިޔައިރު ޖަޕާނުގައި ކޮވިޑް-19 އާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވަނީ އާބާދީގެ 32 އިންސައްތައެވެ. ކަންމިހެން އޮތްއިރު، ކަމާބެހޭ މާހިރުން ލަފާކުރާގޮތުގައި މީގެ 2 ހަފްތާ ފަހުން، ދުވާލަކު 10،000 ކޭސް ކޮވިޑް -19 ގެ ކޭސްތައް ފެނުމަކީ ގާތްކަމަކެވެ.

ޖަޕާނުގެ އެތުލީޓުންވަނީ މިފަހަރު 57 މެޑަލް އޮލިމްޕިކްސްގައި ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި 27 ރަން މެޑަލް ހިމެނޭއިރު މިއީ އެގައުމުގެ ތާރީޚުގައި އޮލިމްޕިކްސްގެ އެންމެ ކާމިޔާބު އެއް އަހަރެވެ. ނަމަވެސް މި ކަމުގެ ސަބަބުން ބޮޑުވަޒީރު ސޫގާއަށް އޮތް ތާއީދު އިތުރުވެގެން ދިއުމަކީ ނާދިރު ކަމެއް ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.