ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުއްދަ ނެތި މަސްވެރިކަން ކުރަމުންދިޔަ ބޭރު ގައުމެއްގެ އުޅަނދެއް ހަ ފަޅުވެރިންނާ އެކު އަތުލައިގަނެ، އެ ބޯޓު މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ. މި އުޅަނދު އަތުލައިގަތީ ކ. ދިއްފުށީގެ ބޭރުންނެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި މި ބޯޓު ހިފަހައްޓާފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ޕެޓްރޯލް ދަތުރެއްގެ ތެރެއިންނެވެ. އެގޮތުން ކޯސްޓްގާޑުގެ ހާއްސަ އޮޕަރޭޝަނެއްގައި މި އުޅަނދު އަތުލައިގަތީ ދިއްފުށީގެ އިރުން 123 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.

މި ބޯޓުގައި ތިބި ހަ ފަޅުވެރިންނާއި ބޯޓާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގެ ކަންކަން ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މި އުޅަނދު މިހާރު މާލެ ގެންނަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.