ޔަމަނުގެ ހޫތީން މައްކާ އާއި މަދީނާ ހިމެނޭ ސަރަހައްދަށް އަމާޒުކޮށް ދިން ހަމަލާތައް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ. ސައުދީ އަރަބިއްޔާއިން ބުނި ގޮތުގައި މި ހަމަލާއަކީ އަންގާރަ ދުވަހުގެ ރޭ މައްކާގެ ދެކުނުން ދުއްވާފައިދިޔަ ހޫތީންގެ ޑްރޯނެއް، މައްކާގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން ވައްޓާލައިގެން ނާކާމިޔާބުކޮށްލާފައިވާ ހަމަލާއެކެވެ.

މި ހަމަލާއާ ގުޅިގެން މައްކާގެ އިތުރުން ޖިއްދާ އާއި ތާއިފް ސަރަހައްދުގެ ސިވިލް ޑިފެންސުން ވަނީ ވައިގެ މަގުން އަތުވެދާނެ ނުރައްކަލަކަށް ސަމާލުވުމަށް އެލާޓް ނެރެފަ އެވެ. މިއީ މައްކާގެ ތާރީހުގައި ވެސް ވައިގެ ނުރައްކަލެއްގެ އެލާޓް މައްކާގައި ނެރުނު ފުރަތަމަ ފަހަރެވެ. ސައުދީ އަރަބިއްޔާގެ ދިފާއީ ބާރުތަކުން ވަނީ މި ޑްރޯން ވައްޓާލައި، އާންމުންނަށް ލިބެން އުޅުނު ބޮޑު ގެއްލުމަކުން ސަލާމަތްކޮށްފަ އެވެ.

އޯއައިސީން ނެރުނު ބަޔާނެއްގައި ބުނީ، މިއީ އާންމުންނަށް ބިރުދެއްކުމުގެ ބޭނުމުގައި ހޫތީން ހިންގި ނުރައްކާތެރި އަމަލެއް ކަމަށެވެ. އަދި މިފަދަ ހަމަލާތަކަކީ އިސްލާމީ އުސޫލުތަކާއި އިންޓަނޭޝަނަލް ގާނޫނުތަކާ މުޅިން ހިލާފު، ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.

މީގެ އިތުރުން، މިއީ މުސްލިމުންގެ އެންމެ މާތްވެގެންވާ ބިންތަކާއި މިސްކިތްތަކުގެ ހުރުމަތް ކަނޑާލުމުގެ ގޮތުން ދީފައިވާ ހަމަލާއެއް ކަމަށް އޯއައިސީން ބުންޏެވެ. އަދި މާތްވެގެންވާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސައުދީ އަރަބިއްޔާއިން އަޅަމުންދާ ފިޔަވަޅުތަކަށް އޯއައިސީން ވަނީ ފުރިހަމައަށް ތާއިދުކޮށްފަ އެވެ.

މި ހަމަލާއާ ގުޅިގެން ހޫތީން ވަނީ މައްކާއަށް ހަމަލާދިން ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އެ ގުރޫޕުން ބުނީ އެމީހުންގެ އަމާޒަކީ ސައުދީގެ އަސްކަރީ މަރުކަޒުތަކާއި ތެޔޮ އުފައްދާ ތަންތަން ކަމަށާއި، މާތްވެގެންވާ ތަންތަނަށް ހަމަލާނުދޭ ކަމަށެވެ.