ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތުރުކީގެ އަދާލަތު ވޭ ކަލްކިންމާ ޕާޓީ (އޭކޭ ޕާޓީ) ގެ ވަފުދަކާ މަޝްވަރާކުރައްވައިފިއެވެ.
މިއަދު ހެނދުނު މުލީއާގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި ތުރުކީގެ އޭކޭ ޕާޓީގެ ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ޑެޕިއުޓީ ޗެއާމަން ހުސައިން ޔައިމާނެވެ. މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ހާއްސަ އިސްކަމެއް ދީގެން މަޝްވަރާކުރެވުނު ދާއިރާތަކުގެ ތެރޭގައި ޓޫރިޒަމާއި ވިޔަފާރީގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން، ދެ ގައުމުގެ މެދުގައި ސަގާފީ ގޮތުން އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެފަރާތުން ހިޔާލު ބަދަލުކުރައްވާފައިވެއެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ޒަމާންވީ ގާތް ގުޅުން ކުރިމަގުގައިވެސް އިތުރަށް ވަރުގަދަކޮށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒާއި ތުރުކީގެ ވަފުދުން ވަނީ ދެއްވާފައެވެ.
