ރައީސް ޑޮކްޓަރު މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ރާއްޖެއަށް އަންނަމުންދާ ގައުމީ އިސްލާހީ ބަދަލުތަކަށާއި ހާސިލުކުރައްވާފައިވާ ކާމިޔާބީތަކަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީޕީސީ) އިން ތައުރީފުކޮށްފިއެވެ.

މިކަން ހާމަކުރެއްވީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ އިންޓަނޭޝަނަލް ޑިޕާޓްމަންޓްގެ ދެކުނު އަދި އިރުދެކުނު އޭޝިއާގެ ކަންކަމާބެހޭ ބިއުރޯގެ ޑިރެކްޓަރ ޖެނެރަލް ޕެންގް ޝިއުބިން އިސްވެވަޑައިގެން، ރައީސް މުއިއްޒުގެ އަރިހަށް މިއަދު ހެނދުނު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސްގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ.

މުލީއާގޭގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޕެންގް ވިދާޅުވީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ރައީސް މުއިއްޒު އަޅުއްވަމުންދާ ފިޔަވަޅުތަކަކީ ވަރުގަދަ ބިންގަލެއް ކަމަށެވެ. އަދި ދެ ގައުމުން ހިފަހައްޓާ އެއްގޮތް އުސޫލުތަކާއި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމަކީ ދެ ގައުމުގެ ގުޅުމުގެ މައިގަނޑު އަސާސްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން އިގްތިސާދީ ދާއިރާއިން އެއްބާރުލުން ފުޅާކޮށް، ދެފަރާތަށް ފައިދާ ލިބޭނެހެން އެކުގައި މަސައްކަތްކުރުމުގެ ތެރެއިން ދޭދޭ ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް އުންމީދުކުރައްވާ ކަމަށް ޕެންގް ވިދާޅުވިއެވެ. އަދި ދެ ގައުމުގެ މެދުގައި މަތީ ފަންތީގެ ޒިޔާރަތްތައް ގިނައިން ބޭއްވުމަކީ މި ބައިވެރިވުން ބަދަހިވަމުންދާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ޗައިނާއިން ރާއްޖެއަށް ވެދެއްވަމުން އަންނަ ބޮޑެތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ގައުމުގެ ގުޅުމަކީ ފުރިހަމަ އިސްތިރާޖީ ޕާޓްނަރޝިޕެއްގެ ގޮތުގައި ސިފަކުރައްވައި، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ޗައިނާއިން މެދުކެނޑުމެއްނެތި ދޭ އެއްބާރުލުން ރައީސް ފާހަގަކުރެއްވިއެވެ.