ވަރލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް ޔޮހާނަސް ޒުޓް، ރައީސް ޑޮކްޓަރު މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސްގެ ރަސްމީ ގެކޮޅު މުލީއާގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކަށް އެހީތެރިވާން ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ވަރލްޑް ބޭންކުން ވަނީ ދީފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ވަރލްޑް ބޭންކުން ރާއްޖެއަށް މެދުކެނޑުމެއްނެތި ދެމުން އަންނަ އެއްބާރުލުމަށް ސުކުރު އަދާކުރައްވާފައެވެ. އަދި ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމާއި ހަކަތައިގެ ދާއިރާ ހަރުދަނާކުރުން ހިމެނޭހެން، ސަރުކާރުން އިސްކަންދޭ މުހިންމު ތަރައްގީގެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ހިޔާލު ބަދަލުކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދެފަރާތުގެ ދެމެހެއްޓެނިވި ގުޅުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

ގައުމުން ބޭރުން އެތެރެކުރާ ތެޔޮ ނުވަތަ ފޮސިލް ފިއުލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި، ތެޔޮ އެތެރެކުރުމަށް ހިނގާ ހަރަދު ކުޑަކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް މި ބައްދަލުވުމުގައި ހާއްސަ ސަމާލުކަމެއް ދެއްވިއެވެ. އެގޮތުން، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތަކެއް ހޯދުމުގެ މުހިންމުކަމާއި، މި ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާމެދު ދެ ބޭފުޅުން ވާހަކަދެއްކެވިއެވެ.

މީގެއިތުރުން، ހެލްތު ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމާ ގުޅޭގޮތުންވެސް ބައްދަލުވުމުގައި ވާހަކަދެކެވުނެވެ. ދައުލަތުގެ ހަރަދުތައް ކުޑަކުރަމުންދާއިރު، ތަރައްގީގެ މަސައްކަތްތަކަކީ ދެމެހެއްޓެނިވި އަދި ގައުމުގެ ދުރު ރާސްތާގެ ބޭނުންތަކަށް ރިއާޔަތްކޮށްގެން ހިންގާ މަސައްކަތްތަކަކަށް ހެދުމުގެ މުހިންމުކަން ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކުރިއަށްދާ އަދި ކުރިއަށް ރޭވިފައިވާ ތަރައްގީގެ މަސައްކަތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވިއެވެ. އަދި މިފަދަ މަސައްކަތްތައް ފުރިހަމަކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު ބޮޑުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރލްޑް ބޭންކުގެ ނައިބު ރައީސް ޒުޓް ވަނީ، އެ ބޭންކަށް އެހީތެރިކަން ފޯރުކޮށްދެވެން ހުރި ހުރިހާ ދާއިރާއަކުން ރާއްޖެއަށް އެއްބާރުލުން ދިނުމަށް އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ތެޔޮ އެތެރެކުރުމަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި، އިއާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމުގެ ފުރުސަތު ފުޅާދާއިރާއެއްގައި ރާއްޖޭގައި އޮތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.