ސައުދީ އަރަބިއްޔާގެ މައްކާއަށް ޔަމަންގެ ހޫތީ ޖަމާއަތުން ދޭން އުޅުނު ޑްރޯން ހަމަލާއަކީ މުޅި އިސްލާމީ އުންމަތަށް ކުރެވުނު ފުރައްސާރައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މުސްލިމުންގެ ގިބުލަ ކަމަށްވާ މައްކާއަށް އަމާޒުކޮށް ހޫތީން ދިން މި ހަމަލާ ސައުދީ ސިފައިން ވަނީ ނާކާމިޔާބުކޮށްލާފައެވެ. އެ ހަމަލާ ނާކާމިޔާބުކޮށްލާފައިވަނީ މައްކާގައި ގާއިމުކޮށްފައި ހުރި މިސައިލުން ދިފާއުވާ ނިޒާމު ބޭނުންކޮށްގެން ކަމަށް ހަބަރުތައް ބުނެއެވެ.
އިސްލާމްދީނުގެ އެންމެ މުގައްދަސް ރަށުގެ ރައްކާތެރިކަމާއި ހުރުމަތަށް ނުރައްކާވާ ގޮތަށް ހަމަލާދިނުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި އެއީ މުޅި އިސްލާމީ އުންމަތަށް ކުރެވޭ ފުރައްސާރައެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖެ އޮތީ ސައުދީ އަރަބިއްޔާގެ ރަސްކަމަށް ފުރިހަމައަށް އެއްބާރުލުން ދީގެން ކަމަށެވެ. އަދި މައްކާއާއި، އެތަނުގައި އަޅުކަން ކުރާ މީހުންނާއި، މައްކާގެ ރަށްވެހިން ރައްކާތެރިކުރުމުގައި ސައުދީގެ ސަލާމަތީ ބާރުތަކުން ދެއްކި ހުށިޔާރުކަމަށް ރައީސް ވަނީ ތައުރީފު ކުރައްވާފައެވެ.
މިފަދަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ރައީސް މުއިއްޒު ވަނީ ގޮވާލައްވާފައެވެ. އަދި މަސްރަހު އިތުރަށް ގޯސްކުރުމުގެ ބަދަލުގައި ސުލްހަ އާއި މަޝްވަރާގެ މަގު އިހުތިޔާރުކުރުމަށް ގުޅުންހުރި ހުރިހާ ފަރާތްތަކަކަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
