އުމުރުން 13 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން އެއްކޮށް މަނާކުރުމަށާއި، 15 އަހަރުން ދަށުގެ ކުދިންނަށް ކޮންޓްރޯލް ކުރެވިފައިވާ ގޮތެއްގެ މަތިން މެނުވީ އެކައުންޓް ބޭނުންނުކުރެވޭ ގޮތަށް ހަރުކަށި އުސޫލުތަކެއް އެކުލަވާލަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނިންމައިފިއެވެ.
ޔޫރަޕްގެ އިއްތިހާދުން މި ފިޔަވަޅު އަޅަން ނިންމީ ކުޑަކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ސޯޝަލް މީޑިއާގެ ސަބަބުން ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރަމުންދާކަން ހާމަވުމާ ގުޅިގެންނެވެ.
މި އާ ޕްލޭން އިއުލާންކުރެއްވީ ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރްސުލާ ފޮން ޑެއާ ލެޔެން، ޔޫރަޕިއަން ޕާލަމެންޓުގައި ދެއްވި ތަގުރީރެއްގައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި، 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރެވޭނީ ބެލެނިވެރިންގެ ފުރިހަމަ ބެލުމުގެ ދަށުން ހަދާ "މިނީ އެކައުންޓް" ތަކެއް މެދުވެރިކޮށެވެ. އަދި މިފަދަ އެކައުންޓްތަކުން ދުވާލަކު ބޭނުންކުރެވޭނީ އެންމެ ގަޑިއިރެއް ކަމަށާއި، 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ޕްލެޓްފޯމްތަކުން ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދޭން މަޖުބޫރުވާނެ ކަމަށް ވެސް ހާމަކުރެއްވިއެވެ.
ފޮން ޑެއާ ލެޔެންގެ ވާހަކަފުޅުގައި، ސޯޝަލް މީޑިއާ މެދުވެރިކޮށް ބުލީކުރުމުގެ ސަބަބުން އަމިއްލައަށް މަރުވި ބެލްޖިއަމްގެ 14 އަހަރުގެ އަންހެން ކުއްޖެއްގެ ހިތާމަވެރި ހާދިސާއަށް އަލިއަޅުއްވާލެއްވިއެވެ. އެ ކުއްޖާގެ މަންމަގެ އިހުސާސްތައް ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ، ސޯޝަލް މީޑިއާގެ ނުރައްކާތައް މިހާރު ހައްދުފަހަނައަޅައި ގޮސްފައިވާ ކަމަށާއި، މިކަމަށް ވަގުތުން ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
"ޔޫރަޕުން ފިޔަވަޅު އަޅަންވީ ވަގުތު މިއޮތީ ޖެހިފައި،" ބޮޑެތި ޓެކް ކުންފުނިތަކަށް އިންޒާރު ދެއްވަމުން ފޮން ޑެއާ ލެޔެން ވިދާޅުވިއެވެ. "އަހަރެމެންގެ ގަވާއިދުތައް ހަދާނީ އަހަރެމެން އަމިއްލައަށް. ބޮޑެތި ޓެކް ކުންފުނިތަކަކުން ނޫން."
މި އާ އުސޫލުތައް ހިމެނޭ "ކިޑްސް އެކްޓް" ފްރާންސްގެ ސްޓްރާސްބޯގްގައި ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައިވާއިރު، މި ބިލުގެ ދަށުން އޮންލައިން ގޭމްތަކާއި އޭއައި ޗެޓްބޮޓްތަކަށް ވެސް ހިމެނޭ ގޮތަށް ހުރަސްތައް އެޅިގެންދާނެއެވެ. ސޯޝަލް މީޑިއާގެ ނުފޫޒުން ކުޑަކުދިން ރައްކާތެރިކުރުމަށް އީޔޫ އިން ފެށި މި މަސައްކަތަށް ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުންނާއި ބެލެނިވެރިންގެ ފަރާތުން ބޮޑު ތާއީދެއް ވަނީ ލިބިފައެވެ.
