އިންޑިއާގެ މަޝްހޫރު ފިލްމު "އާޝިގީ" އިން ބޮޑު މަގުބޫލުކަމެއް ހޯދި އެކްޓަރު ރާހުލް ރޯއި، އަތްމަތި ދަތިވެ ދިރިއުޅުމުގެ ހަރަދުތައް ބަލަހައްޓަން ދަތިވުމުން ކައިވެނި ހަފްލާތަކުގައި ނަށައިގެން އާމްދަނީ ހޯދަން ފަށައިފިއެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ ފާއިތުވި އަހަރުތަކުގައި ކުރިމަތިވި މާލީ ގޮންޖެހުންތަކާއި، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަމުންނެވެ.

ރާހުލް ރޯއި ބުނި ގޮތުގައި، 2020 ވަނަ އަހަރު އޭނާއަށް ސިކުނޑީގެ ސްޓްރޯކެއް ޖެހުނު ފަހުން ފިލްމީ މަސައްކަތްތައް ހޯދުމަކީ ވަރަށް ބޮޑު އުނދަގުލަކަށް ވެގެންދިޔައެވެ. އަދި ވޭތުވެދިޔަ ފަސް އަހަރަކީ ޒިންމާތައް ގިނަވެ، މަސައްކަތް މަދުވުމުގެ ސަބަބުން ދިރިއުޅުމުގައި އިންތިހާއަށް ދަތި ހާލުގައި ހޭދަކުރަން ޖެހުނު ދުވަސްތަކެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

ކައިވެނި ހަފްލާތަކުގައި ޕާފޯމްކުރާތީ ސޯޝަލް މީޑިއާގައި ބައެއް މީހުން މަލާމާތްކޮށް ފާޑުކިޔަމުން ދިޔަ ނަމަވެސް، އެފަދަ ފުރުސަތުތައް ދޫކޮށްނުލައި ކުރިއަށްދާން ޖެހުނީ މަޖުބޫރުވެގެން ކަމަށް ރާހުލް ބުންޏެވެ. އޭނާ ބުނީ އެފަދަ ހަފްލާތަކުގައި ނަށައިގެން 2 ލައްކަ ނުވަތަ 4 ލައްކަ ރުޕީސް ލިބޭ ކަމަށާއި، އެއީ އަމިއްލަ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް މިވަގުތު އޮތް ވަސީލަތެއް ކަމަށެވެ.

"އަހަރެންގެ ވެސް ހަރަދުތަކެއް ހުރޭ، އަދި އަހަންނަށް ފައިސާ ބޭނުންވޭ. ސޯޝަލް މީޑިއާގައި ފުރައްސާރަ ކުރާ މީހުންނަކަށް ނޭނގޭ މިއީ ބުރަ މަސައްކަތެއް ކަން. އަހަރެން ވެސް ޖެހޭނެތާ ދިރިއުޅެން ބޭނުންވާ ފައިސާ ހޯދަން،" ފާޑުކިޔާ މީހުންނަށް ރައްދު ދެމުން ރާހުލް ބުންޏެވެ.

ރާހުލް އިތުރަށް ބުނީ މާޒީގައި ކިތަންމެ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވީ ނަމަވެސް، ހާލަތު ބަދަލުވުމުން އަމިއްލަ މަސައްކަތުން ހަލާލު ގޮތުގައި އާމްދަނީ ހޯދުމަކީ ލަދުވެތިވާންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ފިލްމީ ދާއިރާއިން އިތުރު ފުރުސަތުތައް ލިބި، އޭނާގެ ކެރިއަރު އަލުން އާރާސްތުކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.