ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު މިއަދު ދައްކައި، އެ ފެސިލިޓީގެ ދަރަނި އެއްކޮށް ދައްކައި ހަލާސްކޮށްފިއެވެ. މިއާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ފެސިލިޓީއަށް ދައްކަންޖެހޭ މުޅި ޖުމްލަ 150 މިލިއަން ޑޮލަރު އެއްކޮށް ދައްކައި ނިންމާލީއެވެ.
ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ކުރީގެ ސަރުކާރުން ނެގި މި ފެސިލިޓީ ދައްކާފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު ދައްކާފައިވާއިރު، މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު ވެސް ވަނީ އިތުރު 50 މިލިއަން ޑޮލަރު ދައްކާފައެވެ. އަދި ބާކީ އޮތް 50 މިލިއަން ޑޮލަރު މިއަދު ދެއްކުމާ ގުޅިގެން، މި ފެސިލިޓީގެ ދަށުން ނެގި ދަރަނި މިހާރު ވަނީ އެއްކޮށް ހަލާސްވެފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ދަރަނީގެ ގޮތުގައި ބޮޑު އަދަދެއް ދެއްކި ނަމަވެސް ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި އަދި ބޭސްފަރުވާގެ ސާމާނު ފަދަ ޒަރޫރީ ބާވަތްތައް މެދުނުކެނޑި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން ދަރަނި ދެއްކުމުގެ ސަބަބުން އަސާސީ މުދާ އެތެރެކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރަސްމީ ހިސާބުތަކާ ހަވާލާދީ ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، އޮގަސްޓް 2026 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައެވެ. ސަރުކާރުން ދައުލަތުގެ ދަރަނި ބަލަހައްޓަމުން ގެންދަނީ ދުރާލައި ވަރަށް ބޮޑަށް ރޭވުންތެރިކަމާ އެކު ކަމަށާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވައިދުން ފައިސާ ޖަމާކޮށް، ދަރަނި ދައްކަން ޖެހޭ ތާރީހުގެ މާ ކުރިން ބޭނުންވާ ފައިސާގެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އެކުވެރި ގައުމުތަކާ އެކު ސަރުކާރުން ކުރިއަށްގެންދާ މަތީ ފަންތީގެ މަޝްވަރާތައް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އަދި ޒިންމާދާރުކަމާއެކު ދަރަނި މެނޭޖްކުރުމާ އެކު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް މިނިސްޓްރީން ވަނީ ދީފައެވެ.
