ދިރިއުޅުމުގައި ދިމާވާ ބޮޑެތި އިމްތިހާނުތަކާއި ހިތާމަތަކަކީ ކޮންމެ އިންސާނެއްގެ ހަޔާތުގައި ވެސް ކޮންމެހެން ކުރިމަތިލާންޖެހޭނެ ކަންކަން ކަމަށާއި، އެފަދަ ދަނޑިވަޅުތަކުގައި ކެތްތެރިކަމާ އެކު ކުރިމަތިލުމަށް މަޝްހޫރު އިލްމުވެރިޔާ މުފްތީ މެންކު ނަސޭހަތްތެރިވެއްޖެއެވެ. އޮސްޓްރޭލިއާގެ ޕާތުގައި ބޭއްވި ހާއްސަ ދަރުހެއްގައި ވާހަކަދައްކަވަމުން އޭނާ ވަނީ، އުނދަގޫ ހާލަތްތަކުން އަރައިގަނެ ދިރިއުޅުމުގެ އުންމީދު އާކުރާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
މުފްތީ މެންކު ވިދާޅުވީ، ދިރިއުޅުމުގައި ކުރިމަތިވާ ހުރިހާ ނާކާމިޔާބީތަކާއި ދަތިތަކަކީ ހަމައެކަނި ލިބޭ އަދަބެއް ނުވަތަ ގެއްލުމެއްގެ ގޮތުގައި ދެކެގެން ނުވާނެ ކަމަށެވެ. އަދި ކީރިތި ގުރުއާނުގައި ބަޔާންކުރައްވާފައިވާ ފަދައިން، ކޮންމެ ދަތި އުނދަގޫ ކަމަކާ އެކު ލުއިފަސޭހަކަން ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ހިތުގައި ބާއްވަން ޖެހޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މައުލޫއަށް އިތުރަށް ވާހަކަދައްކަވަމުން މުފްތީ މެންކު ވަނީ ކީރިތި ރަސޫލާގެ ހަޔާތްޕުޅުން ވަރަށް މުހިންމު މިސާލުތަކެއް ދައްކަވާފައެވެ. އެގޮތުން، ރަސޫލާ އުފަންވެވަޑައިގަތީ ޔަތީމު ހާލުކޮޅުގައި ކަމަށާއި، އުމުރުފުޅުގެ އެކި މަރުހަލާތަކުގައި ލޯބިވާ އެތައް ބޭފުޅުންނެއް ވަކިވެދިޔުމުގެ ހިތާމަ ތަހައްމަލުކުރެއްވި ކަން އޭނާ ހަނދާންކޮށްދެއްވިއެވެ. އެހެންކަމުން، އިންސާނަކަށް ކިތަންމެ ބޮޑު ހިތާމައެއް ނުވަތަ ދައްޗެއް ކުރިމަތިވި ނަމަވެސް، މާޔޫސްވެ އުންމީދު ކަނޑައިނުލުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
"ދިރިއުޅުމުގައި ކަންކަން ގޯސްކޮށް ދާ ވަގުތުތަކުގައި ވެސް މާތްﷲ ގެ ރަހުމަތުން އުންމީދު ކަނޑައިނުލާށެވެ. އެއީ ދަތިކަމަށް ފަހު ފަސޭހަކަން އައުން ގާތްވެފައިވާ ކަމުގެ ނިޝާނެކެވެ،" މުފްތީ މެންކު ވިދާޅުވިއެވެ. މީގެ އިތުރުން، އެހެން މީހުންނަށް ދިމާވާ ދަތި ހާލަތްތަކުގައި އެމީހުން ކުށްވެރިކޮށް ފާޑުކިޔުމުގެ ބަދަލުގައި، އަޅާލުމާއި ހެޔޮ ބަސްތަކުން ހިތްވަރު ދިނުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ދަރުސް ނިންމަވާލައްވަމުން މުފްތީ މެންކު ވިދާޅުވީ، ދިރިއުޅުމުގެ އިމްތިހާނުތަކަކީ އިންސާނާގެ އަގީދާ ވަރުގަދަކޮށް، ކެތްތެރިކަން ދަސްކޮށްދޭ ފިލާވަޅުތަކެއް ކަމަށެވެ. އަދި އުނދަގޫ ވަގުތުތަކުގައި ދުއާކުރުމާއި، ކެތްތެރިކަމާ އެކު ކުރިއަށް ދިއުމަކީ ހަޔާތުގެ އަނދިރި ދުވަސްތަކަށް ފަހު އަލިކަން ގެނެސްދޭނެ އެންމެ ވަރުގަދަ ބާރު ކަމުގައި އޭނާ ހަނދާންކޮށްދެއްވިއެވެ.
