ބަލިމީހުންނަށް ރައްކާތެރި އަދި އަމާން މާހައުލެއް ގާއިމުކޮށްދިނުމަށާއި، އިތުބާރު ހުރި ސިއްހީ ނިޒާމެއް ބިނާކުރުމުގެ މައިގަނޑު އަސާސަކީ ބަލިމީހުންގެ ރައްކާތެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އިންޓަނޭޝަނަލް ޕޭޝަންޓް ސޭފްޓީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ހާއްސަ މެސެޖެއްގައެވެ.

ފަސްޓް ލޭޑީ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ބަލިމީހުންގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އަދި މި އަހަރުގެ ދުވަހުގެ ޝިއާރު ކަމަށްވާ "ދާއިމީ ބޮޑެތި ބަލިތަކަށް ރައްކާތެރި ފަރުވާއެއް" މިއީ ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު ނުހަނު މުހިންމު އަދި ގުޅުންހުރި ޝިއާރެއް ކަމަށް ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ދާއިމީ ބަލިތަކަށް ފަރުވާ ހޯދުމަކީ މުޅި އުމުރަށް ދެމިގެންދާ ދިގު ދަތުރެއްކަން ބަޔާންކުރައްވަމުން، އެފަދަ ބަލިތައް ކުރީބައިގައި ދެނެގަތުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ފަރުވާގެ ކޮންމެ މަރުހަލާއެއްގައި ވެސް މެދުކެނޑުމެއްނެތި، ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ރައްކާތެރި ހިދުމަތްތަކެއް ކޮންމެ ބަލިމީހަކަށް ވެސް ކަށަވަރުވެފައި އޮންނަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ސިއްހީ ދާއިރާއިން މިހާތަނަށް ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކާއި ކާމިޔާބީތަކަށް ފަਖުރުވެރިވެވަޑައިގަންނަވާ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވިއެވެ. އަދި މި ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ހިދުމަތްތެރިން ބާރުވެރިކުރުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެކަމަނާ ހާމަކުރެއްވިއެވެ.

މުޅި ނިޒާމުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ހުރިހާ ފަރާތްތަކެއް ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމަށް ފަސްޓް ލޭޑީ އިލްތިމާސްކުރެއްވިއެވެ. އަދި އާންމު ރައްޔިތުންގެ ފަރާތުން ސިއްހީ ހިދުމަތްތެރިންނަށް ފުރިހަމަ އިހުތިރާމާއި އެއްބާރުލުން ދެއްވުމަށް ވެސް އެކަމަނާ ވަނީ އެދިވަޑައިގެންފައެވެ. ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހަކީ އިންޓަނޭޝަނަލް ޕޭޝަންޓް ސޭފްޓީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ.