ސަރުކާރުން އަލަށް ތަރައްގީކުރާ ފްލެޓްތަކުގައި އެމަޖެންސީ ހާލަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން އެނގޭނެ ހާއްސަ ނިޒާމެއް ގާއިމުކޮށްދެއްވުމަށާއި، އަޑުއިވުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ހުރި ދަތިތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ އާންމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސަރުކާރުން ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޕްރޮގްރާމުގައި ބައިވެރިވި އަޑުއިވުމުން މަހުރޫމްވެފައިވާ ދެމަފިރިއަކު ވަނީ އެމީހުން ދިރިއުޅޭ މާހައުލުގައި ދިމާވާ ބޮޑެތި ގޮންޖެހުންތައް ރައީސާ ހިއްސާކޮށްފައެވެ. އެގޮތުން އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވާ ވަގުތުތަކުގައި، އަޑުއިވުމުން މަހުރޫމްވެފައި ތިބުމުގެ ސަބަބުން އެފަދަ ކަންކަން ދެނެގަތުމުގައި ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހޭކަން އެ ދެމަފިރިން ފާހަގަކުރިއެވެ. މީގެއިތުރުން ސްކޫލްތަކުގައި ޓީޗަރުންނާ މުއާމަލާތު ކުރުމުގައި ހުރި ދަތިތައް ވެސް ރައީސްގެ ސަމާލުކަމަށް ގެނައެވެ.
]ާއެ ކަންބޮޑުވުންތަކަށް އިޖާބަދެއްވަމުން ރައީސް ވިދާޅުވީ، ސަރުކާރުން އަލަށް ތަރައްގީކުރާ ހައުސިން މަޝްރޫއުތަކުގެ ފްލެޓްތަކުގައި، އެމަޖެންސީ އެލާމްތަކާއި ނުރައްކާތެރި ހާދިސާތަކުގެ މައުލޫމާތު އަޑުއިވުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ވަގުތުން އެނގޭނެ ފަދަ ޒަމާނީ ނިޒާމުތައް ހިމަނައިދެއްވާނެ ކަމަށެވެ. އަދި ސްކޫލްތަކުން ތައުލީމު ހާސިލުކުރުމުގައާއި ދިރިއުޅޭ މާހައުލުގައި އެފަދަ ފަރާތްތަކަށް ހުރި ހުރަސްތައް ނައްތާލައި، އެކްސެސްބިލިޓީ ފުޅާ ދާއިރާއެއްގައި ގާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ސްކޫލްގައާއި ދިރިއުޅޭ މާހައުލުގައި އެކްސެސްބިލިޓީ ގާއިމުކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނަން،" އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވިއެވެ.
"ރައްޔިތުންގެ އަޑު" މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވާ ހާއްސަ ސިލްސިލާއެކެވެ. މި ސިލްސިލާގެ ތެރެއިން އިންތިހާބީ އެކި ދާއިރާތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ބައްދަލުވުންތަކުގައި، އާންމުން ހުށަހަޅާ އެކި ދަތިތަކާއި ކަންބޮޑުވުންތައް ބައްލަވައި ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
