ދަރުމަވަންތަ ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފަރުވާ ހޯދި ފަރާތްތަކަށް ކާމިޔާބުކަމާއެކު މިހާތަނަށް 27 ކުދިން އުފަންވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ. އެ ހޮސްޕިޓަލުގައި މި ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ފާޓިލިޓީ ސެންޓަރުގައި ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭގެފަހުން ވޭތުވެދިޔަ 9 މަސް ދުވަހުގެ ތެރޭގައި އެ ސެންޓަރުން ފަރުވާ ހޯދި ފަރާތްތަކުގެ ތެރެއިން ޖުމްލަ 35 މީހެއްގެ އައިވީއެފް ކާމިޔާބު ކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން 8 މީހެއްގެ ފަރުވާ އަދިވެސް ކުރިއަށްދާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ދަރިމައިވުމުގެ މައްސަލަތަކަށް ރާއްޖެއިން ބޭރަށް ނުގޮސް ގައުމުގައި ތިބެގެން ފަރުވާ ލިބޭނެ މަގު ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ. މިއާއެކު އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކުރެވުނު މި ހިދުމަތުގެ ސަބަބުން، ދަރިއަކު ހޯދުމުގެ އުއްމީދުގައި ތިބި 27 އާއިލާއެއްގެ ހުވަފެންތަކުގައި ވަނީ ކުލަޖެހިފައެވެ.
ދަރިމައިވުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާއިރު، މީގެ ކުރިން އައިވީއެފް އަދި އައިޔޫއައި ފަދަ ފަރުވާތަކަށް ބޭރު ގައުމުތަކަށް ދާންޖެހުމުން އާއިލާތަކަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހުނެވެ. މި ހިދުމަތް ރާއްޖޭގައި ފެށި ފުޅާވަމުން ދިއުމަކީ އެފަދަ ތަކުލީފުތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ހައްލެކެވެ. މީގެއިތުރުން ކެންސަރު ބައްޔަށް ފަރުވާ ހޯދާ ބައެއް ފަރާތްތަކަށް ވެސް ފަހުން ދަރިމައިވެވޭނެ ގޮތް ހެދުމަށް ފާޓިލިޓީ ޕްރިޒަވޭޝަން ހިދުމަތް މިހާރު ދަނީ ފޯރުކޮށްދެމުންނެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއިން ބޮޑެތި ކާމިޔާބީތައް ހޯދަމުން އަންނައިރު، މި ހިދުމަތް ކާމިޔާބުކަމާއެކު ކުރިއަށްދިއުމަކީ ގައުމަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ މާލޭގެ އިތުރުން ރާއްޖޭގެ އަތޮޅުތަކަށް ވެސް ދަރިމައިވުމުގެ ފަރުވާ ފުޅާކުރުމުގެ މަސައްކަތް ކުރުމަށެވެ.
