ބިލެތަކީ އިންސާނުން ދުފުމުގައި ބޭނުން ކުރެވޭ ފަތެކެވެ. ތަބީއީ ގޮތުން ދުފުން ވެގެން ދަނީ ސިއްޙަތަށް ގެއްދުން ދެނިވި ކަމެއް ކަމުގައެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ ބިލެތުގައިވެސް އިންސާނުންނަށް ފައިދާތަކެއް ވާނޭ ކަމެވެ. މި ލިޔުމުގައި މި ހިމަނާލަނީ "މެޑްއިންޑިއާ" ނަމަކަށް ކިޔާ އޮންލައިން މަޖައްލާއެއްގައި ޝާއިއު ކޮށްފައިވާ ލިޔުމަކުން އެއްކުރެވުނު މައުލޫމާތު ތަކެކެވެ.

ބިލެތަކީ ގަދީމީ ޒަމާނުއްސުރެ އިންސާނުން ބޭނުން ކުރަމުން އައި ފަތްޕިލާވެލީގެ ބާވަތެކެވެ. އެކި ޒަމާން ތަކުގައި އެކި ހަޟާރަތްތަކުގައި އެކި ގޮތްގޮތަށް ބިލެތް ވަނީ ބޭނުން ކޮށްފައެވެ. އެގޮތުން ބޭސްވެރިކަމަށާއި ދީނީ އަޅުކަން ކަމަށާއި އަދި ދުފުމަށް ބޭނުން ކޮށްފައި ވެއެވެ. އެގޮތުން މިއަދާއި ހަމައަށް އައި އިރު ބިލެތުގެ މައިގަނޑު ބޭނުމަކަށް ވެފައިމިވަނީ ދުފުމެވެ.

ބިލެތުގައި ހަށިގަނޑަށް ފައިދާ ކުރަނިވި އެތައް މާއްދާތަކެއް ވެއެވެ. ބިލެތްގަނޑެއްގެ %85 އާއި %90 އަކީ ފެނެވެ. އެހެންކަމުން ބިލެތުން ލިއްބައިދޭ ކެލޮރީގެ މިންވަރަށްވުރެ ފެނުގެ މިންވަރު އިތުރުވާނެއެވެ. ބިލެތުގެ 100 ގުރާމުގައި ކެލޮރީގެ ގޮތުގައި ހިމެނޭނީ 44 ގުރާމެވެ. އޭގެ ތެރެއިން ފެޓުގެ މިންވަރަކީ %1 އަށްވުރެ މަދު އަދަދެކެވެ. %3.3 އާއި %5 އާއި ދެމެދުގެ އަދަދަކަށް ޕްރޮޓީން ހުރެއެވެ. އެހެން ކަމުން ބިލެތަކީ ފެޓުގެ މިންވަރު ވަރަށްވެސް މަދު ފަތެކެވެ.

ބިލެތުގައި ހިމެނޭ އެހެން ބައެއް މާއްދާތަކަށް ބަލާއިރު ކޮންމެ 100 ގުރާމެއްގައި 3.4 މައިކޯގުރާމުގެ ލޮނު ހިމެނެއެވެ. އަދި ވިޓަމިން އޭ 1.9 ގުރާމާއި 2.9 ގުރާމާއި ދެމެދުގެ އަދަދަކަށް ހުރެއެވެ. ވިޓަމިން ބީ-1 13 މައިކޯގުރާމާއި 70 މައިކޯގުރާމާއި ދޭތެރޭ އަދަދަކަށް ހުރެއެވެ. މީގެ އިތުރުން %1.1 އާއި %4.6 އާއި ދެމެދުގެ އަދަދަކަށް ޕޮޓޭސިއަމް ހިމެނެއެވެ.

މިހުރިހާ މާއްދާތަކެއް މިގޮތަށް ހުރި އިރު، ބިލެތުގައި ނިކޮޓިންގެ މާއްދާވެސް ހިމެނެއެވެ. ކޮންމެ 100 ގުރާމަކުން 0.63 ގުރާމާއި 0.89 ގުރާމާއި ދެމެދުގެ އަދަދަކަށް ނިކޮޓިން ހިމެނެއެވެ. ދުފުމަށް މީހުން ދެވި ހިފަނީ މި ނިކޮޓިންގެ ސަބަބުންނެވެ.

ބިލެތުން ތައްޔާރު ކުރެވޭ ތެލަކީ ވެސް އޭގައި އެހާމެ ގިނަގުނަ ނިއުޓްރިއަންޓްސް ހިމެނޭ އެއްޗެކެވެ. އަދި ބިލެތުގައި އެކުލެވޭ ކެމިކަލް ކޮންޕޮނެންޓް ތަކަކީ ތަފާތު އެކި އެކި ބަލިތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލުކަން ލިބިފައިވާ ކެމިކަލް ތަކެކެވެ.

ބިލެތުގައި އިސްވެ ދެންނެވުނު މާއްދާތައް ހުރުމާއި އެކު ބިލެތުން އެވެނި މިވެނި ކަމެއް ހައްލުވެދާނޭ ކަމަށް ބުނެވިދާނެއެވެ. ނުވަތަ ހައްލު ކުރުމަށް އެހީވެދޭ މާއްދާތައް އެކުލެވޭ ކަމަށް ބުނެވިދާނެއެވެ. އެގޮތުން ލޭގެ ޕުރެސަރު ދަށްކޮށްދިނުމާއި ކޮލެސްޓްރޯލުގެ މިންވަރު ދަށްކޮށްދިނުމަށް އެހީވެދޭ ބައެއް މާއްދާތައްވެސް ބިލެތުން ފެންނަން އެބަ ހުއްޓެވެ.

ބިލެތަކީ އޭގައި އެންޓިއޮކްސިޑަންސް ގިނަ ފަތެކެވެ. އެހެން ކަމުން ހަށިގަނޑުން އިންފެކްޝަން ދުރުކޮށްދިނުމަށް ބިލެތުގައި ހިމެނޭ މި މާއްދާ އެހީތެރިވެދެއެވެ. އަދި ރޯ ފާރުގަނޑު ތަކުގައި ބިލެތްފަތް ޗަސްކުރުމަށް ފަހު ކުޑަ ޒައިތޫނި ތެޔޮފޮދަކާއި އެކު ނުވަތަ މާމުއި ކޮޅަކާއި އެކު އުނގުޅާލުމުން ފާރު ހިކޭލެތް އަވަސްވާ ކަމަށް، ފަތްޕިލާވެލީގެ ބޭސްވެރިކަން ކުރާ ބައެއް ފަރާތްތަކުން ބުނެއެވެ. އެކަން އެގޮތަށް ހިނގާފާނެ ކަމުގެ ހެތްކަކީ އިސްވެ ދެންނެވުނު އެންޓިއޮކްސިޑަންޓުގެ މާއްދާ ބިލެތުގައި ހުރުމުންނެވެ.

ބިލެތުގައި ނިކޮޓިން މަދު އަދަދަކަށް ހުރި ކަމުގައި ވީނަމަވެސް ބިލެތުން ލިއްބައިދޭ ފައިދާތަކެއް ވާކަންވެސް ގަބޫލުކުރަން ވާނެއެވެ.