މިއުޒިކް ތާރީހުގައި ފާހަގަކޮށްލެވޭ ތަކެތި އެއްކުރުމުގެ ޝައުގުވެރިކަން ހުންނަ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޑްރޭކް، ޕޮޕްގެ ރަސްގެފާނު މައިކަލް ޖެކްސަން ކުރިން ބޭނުންކޮށްފައި އޮތް ޖަންގިޔަލެއް 36،000 ޑޮލަރަށް ފްރާންސްގައި ބޭއްވި ނީލަމަކުން ގަނެފިއެވެ.

މި އާދަޔާ ހިލާފު މުދާ ޑްރޭކް ގަނެފައި ވަނީ މަޝްހޫރު ތަރިންގެ ޒާތީ އަދި ތާރީހީ ތަކެތި ވިއްކުމަށް ހުޅުވާލި ބޮޑު ނީލަމެއްގެ ތެރެއިންނެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ތަކެތި ވިއްކުމަށް ބޭއްވި މި ނީލަމުގައި ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ ޖެކްސަންގެ މި ޖަންޖިލަށެވެ. .

މި ނީލަމަކީ މައިކަލް ޖެކްސަންގެ ހަޔާތާއި މިއުޒިކީ ދަތުރާ ގުޅުންހުރި ގިނަ އަދަދެއްގެ ތަކެތި ހިމަނައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އޭގެ ތެރޭގައި ޖެކްސަން ސްޓޭޖުމަތީގައި ބޭނުންކުރި ހެދުންތަކާއި، އޭނާ އަމިއްލަ އަތުން ލިޔެފައިވާ ބައެއް ނޯޓުތައް ވެސް ނީލަމަށް ލައިގެން ވިއްކާފައިވެއެވެ.

މި ޖަންގިޔާ ގަތް ވާހަކައާ އެކު ސޯޝަލް މީޑިއާގައި އާންމުންގެ މެދުގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ. ނަމަވެސް، މި މުއާމަލާތާ ގުޅޭ ގޮތުން ޑްރޭކް ނުވަތަ ނީލަން އިންތިޒާމުކުރި ފަރާތުން ވެސް ރަސްމީކޮށް އަދި އެއްވެސް ވާހަކައެއް ހާމަކޮށްފައެއް ނުވެއެވެ.

ޑްރޭކަކީ މީގެ ކުރިން ވެސް މިއުޒިކް ދާއިރާގެ މަޝްހޫރު ޝަހުސިއްޔަތުންގެ އަގުބޮޑު ތާރީހީ ތަކެތި ގަތުމަށް މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އެގޮތުން ކުރީގެ މަޝްހޫރު ލެޖެންޑުންގެ ހަނދާނީ ތަކެތި ވެސް އޭނާ ވަނީ މީގެ ކުރިން ބޮޑު ހޭދައެއް ކޮށްގެން ގަނެފައެވެ.