މާލޭ ބޭރުތޮށި ވަށައިގެން ޖަހާފައި ހުންނަ ބަޖިޔާ ގާތަކުގެ ތެރެއަށް ވެއްޓި ތާށިވި ދިވެއްސަކު ސިފައިންނާއި ފުލުހުން ގުޅިގެން މިއަދު ހަވީރު ސަލާމަތްކޮށް، ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މާލޭ އުސްފަސްގަނޑު އަދި ސްކޭޓް ޕާކާ ދިމާލު ބޭރުތޮށިގަނޑުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ވެއްޓިފައި ވަނީ އެ ސަރަހައްދުގެ ގާތަކުގައި ހުރި ހުސް ދިމާލަކުން ވަރަށް ބޮޑަށް އެތެރެއަށެވެ.

އެ މީހާ ގާތަކުގެ ތެރޭގައި ތާށިވެފައި އޮތްކަން އެނގުނީ، އެތަނުގައި އޮވެ އޭނާ ސަލާމަތްކޮށްދިނުމަށް އެދި ގޮވަން ފެށުމުންނެވެ. އެ ސަރަހައްދުގައި ހުރި މީހަކު ބުނި ގޮތުގައި އެ މީހާ ނަގައިދިނުމަށް އެދި ގޮވި އަޑު ބޭރަށް ސާފުކޮށް އިވެމުން ދިޔައެވެ.

ތާށިވި މީހާ ނެގުމަށް ސިފައިންނާއި ފުލުހުން ކުރި މަސައްކަތުން އޭނާ ސަލާމަތްކުރެވުނީ ގާތްގަނޑަކަށް ބައިގަޑިއިރުގެ މަސައްކަތުންނެވެ. އަދި އޭނާ އެތަނުން ނެގުނީ އެ ސަރަހައްދުގައި ހުރި ބޮޑެތި ބަޖިޔާ ގާތައް ހަލާކުކޮށްލައިގެން ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.

ސަލާމަތީ ބާރުތަކުން އޭނާ ގާތަކުގެ ތެރެއިން ނެގުމަށް ފަހު، ވަގުތުން ވަނީ އެމްބިއުލާންސްގައި އައިޖީއެމްއެޗަށް ގެންގޮސްފައެވެ. ނަމަވެސް އެ މީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.