މާލެ ސަރަހައްދުގެ ތޮއްޖެހުން އިންތިހާއަށް ބޮޑުވެ، ދުނިޔޭގެ އެންމެ ބޮޑެތި މެގަ ސިޓީތަކަށް ވުރެވެސް އަކަ ކިލޯމީޓަރަކަށް ޖެހޭ އުޅަނދުގެ އަދަދު އެތައް ގުނައެއް އިތުރުވެފައިވާ ކަމަށް ޓްރާންސް ޕޯޓު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ މިނިސްޓްރީން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި މާލޭގެ ކޮންމެ އަކަ ކިލޯމީޓަރަކަށް 15،800 އުޅަނދު ޖެހެއެވެ.

މި ނިސްބަތަކީ އިންޓަނޭޝަނަލް ފެންވަރުގައި ބެލި ނަމަވެސް އާދަޔާ ހިލާފު ބޮޑު އަދަދެކެވެ. އެގޮތުން މާލޭގެ އަކަ ކިލޯމީޓަރަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުގެ އަދަދު އެމެރިކާގެ ނިއުޔޯކަށް ވުރެ ހަ ގުނަ، ޖަޕާނުގެ ޓޯކިޔޯއަށް ވުރެ އަށް ގުނަ އަދި ސިންގަޕޫރަށް ވުރެ 13 ގުނަ އިތުރު ކަމަށް ތަފާސްހިސާބުތަކުން ހާމަވެއެވެ.

ޓްރާންސް ޕޯޓު މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގައި މިހާރުވެސް 130،806 އުޅަނދު ދުއްވަމުންދާ ކަމަށެވެ. މީގެ ތެރޭގައި 115،895 ސައިކަލާއި، 14،911 ހަތަރު ފުރޮޅުލީ އުޅަނދު ހިމެނޭއިރު، މިއީ މާލޭގެ އާބާދީގެ ނިސްބަތުން ބަލާއިރު ކޮންމެ ދެ މީހަކަށް ސައިކަލެއް ޖެހޭ އަދަދެކެވެ. އަދި 2023 ވަނަ އަހަރު އެކަނިވެސް އަލަށް 8،000 އަށް ވުރެ ގިނަ ސައިކަލާއި 2،000 އަށް ވުރެ ގިނަ ކާރާއި ވޭން ފަދަ ހަތަރު ފުރޮޅުލީ އުޅަނދު ވަނީ ރަޖިސްޓްރީކޮށްފައެވެ.

މާލެ ސަރަހައްދުގައި ދުއްވުމަށާއި ހިނގުމަށް ޖުމްލަ 8.30 އަކަ ކިލޯމީޓަރުގެ މަގު އޮތް ނަމަވެސް، އޭގެ 82 ޕަސަންޓު ބޭނުންކުރަމުން ދަނީ އުޅަނދު ދުއްވުމަށާއި ޕާކުކުރުމަށެވެ. މީގެ ސަބަބުން ފައިމަގުގައި ހިނގާބިނގާވެ އުޅޭ އާންމުންނަށް ލިބެނީ މަގުތަކުގެ އެންމެ 18 ޕަސަންޓު ޖާގައެވެ.

ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ޒަމާނީ ޕަބްލިކް ޓްރާންސްޕޯޓް ނިޒާމުތައް ގާއިމުކޮށް، އަމިއްލަ އުޅަނދު ގެންގުޅުން ކޮންޓްރޯލްކުރި ނަމަވެސް ރާއްޖޭގައި އެފަދަ ހަރުދަނާ ފިޔަވަޅުތަކެއް އަދި އެޅިފައެއް ނުވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެއް އަހަރުން އަނެއް އަހަރަށް މާލޭގެ މަގުތަކަށް އުޅަނދުތައް އިތުރުވެ ތޮއްޖެހުމުގެ މައްސަލަ ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.