އިންޑިއާގެ ރޭލްވޭ ސްޓޭޝަނެއްގައި މަސައްކަތް ކުރި ކްލާކަކު މީގެ 30 އަހަރު ކުރިން އެންމެ 100 ރުޕީސްގެ ރިޝްވަތެއް ހިފި މައްސަލައިގައި އޭނާގެ މައްޗަށް ސާބިތުވި ކުށް އެ ގައުމުގެ ޖާރްކަންޑް ހައިކޯޓުން ދަމަހައްޓައިފިއެވެ. މި މައްސަލައިގައި ކުށް ސާބިތުވެފައި ވަނީ މިހާރު އުމުރުން ދުވަސްވީ ކުރީގެ ޕާރުސަލް ކްލާކެއް ކަމަށްވާ ކާލީ ޝަންކަރް ދޯބީގެ މައްޗަށެވެ.
މި ހާދިސާ ހިނގާފައި ވަނީ 1995 ވަނަ އަހަރު ރޭންޗީގެ ހަތިއާ ރޭލްވޭ ސްޓޭޝަންގައެވެ. އެ ސްޓޭޝަނުގައި އޭނާ ވަޒީފާ އަދާކުރަމުން ދިޔައިރު، ނިރްމަލް ކުމާރު ބޭގާނީ ކިޔާ މީހަކު ވަނީ ބިހާރުގެ ސަމަސްތީޕޫރަށް އޭނާގެ ސައިކަލު ރޭލު މަގުން ޕާރުސަލްކޮށް ގެންދިއުމަށް އެދި ހުށަހަޅާފައެވެ.
އެ ސައިކަލު ބުކްކޮށްދިނުމުގެ ބަދަލެއްގެ ގޮތުން ކާލީ ޝަންކަރް ދޯބީ ވަނީ ނިރްމަލްގެ އަތުން 100 ރުޕީސްގެ ރިޝްވަތަކަށް އެދިފައެވެ. ނަމަވެސް އެ ފައިސާ ދިނުމުގެ ބަދަލުގައި، ސައިކަލުގެ ވެރިފަރާތުން މި މައްސަލަ ވަގުތުން އިންޑިއާގެ ތަހުގީގީ އިދާރާ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އަށް ރިޕޯޓުކުރިއެވެ.
ސީބީއައިން މި ޝަކުވާ ބަލައި ކަށަވަރު ކުރުމަށް ފަހު، ރިޝްވަތު ހިފާ މީހާ އަތުލައިގަތުމަށް ހާއްސަ މަޅިއެއް ޖެހިއެވެ. އެގޮތުން 27 އޭޕްރީލް 1995 ވަނަ ދުވަހު، ސީބީއައިގެ ހާއްސަ ޓީމަކުން ވަނީ 100 ރުޕީސްގެ ރިޝްވަތުގެ ފައިސާގައި ހިފި ވަގުތު އޭނާ ހައްޔަރުކޮށްފައެވެ.
މި މައްސަލަ ދަށު ކޯޓުގައި ސާބިތުވެ އިއްވި ހުކުމް އިސްތިއުނާފު ކުރުމުން، ޖާރްކަންޑް ހައިކޯޓުން ނިންމީ ކުށް ސާބިތުވާ ކަމަށް ކަނޑައެޅި ނިންމުން ރަނގަޅު ކަމަށެވެ. މިއީ ރިޝްވަތުގެ ފައިސާގެ އަދަދު ކިތަންމެ ކުޑަ ނަމަވެސް، ކޮރަޕްޝަންގެ ކުށްތަކުން ސަލާމަތް ނުވެވޭނެކަން ސާބިތުކޮށްދިން މައްސަލައެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.
