އިންޑިއާގެ ގުޖުރާތު ސްޓޭޓްގެ އަމްރޭލީ އަވަށުގައި އުމުރުން 40 އަހަރުގެ ކޮންސްޓްރަކްޝަން ސުޕަވައިޒަރަކު، އޭނާގެ ފަސް އަހަރުގެ އަންހެން ދަރިފުޅު މަރާލުމަށް ފަހު އަމިއްލައަށް މަރުވި ބިރުވެރި ހާދިސާ ހިންގީ މާލީ ބޮޑެތި ތަކުލީފުތަކެއްގެ ސަބަބުން ކަމަށް ފުލުހުންގެ ތަހުގީގުން ހާމަކޮށްފިއެވެ. ކިޝޯރް ދަނަކް ކިޔާ މި މީހާ އަމިއްލައަށް މަރުވުމުގެ ކުރިން ވަނީ އޭނާ މި އަމަލު ހިންގަން މެދުވެރިވި ސަބަބު ބަޔާންކޮށް ސިޓީތަކެއް ބާއްވާފައެވެ.

ފުލުހުން އެ ގެއަށް ގޮސް ބެލި ބެލުމުން، ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ ގޭގެ އައިސްއަލަމާރީގެ އެތެރޭގައި ބާއްވާފައި އޮއްވައެވެ. އަދި ބައްޕަގެ ހަށިގަނޑު ވެސް ފެނިފައި ވަނީ އެ ގޭގެ ތެރެއިން މަރުވެފައި އޮއްވައި ކަމަށް ފުލުހުންގެ ރިޕޯޓުތައް ބުނެއެވެ.

ހާދިސާ ހިނގި ކޮޓަރީގެ މަންޒަރުތައް ފެނުނު ފުލުހުން ބުނި ގޮތުގައި، އެ ކޮޓަރި ތައްޔާރުކޮށްފައި އޮތީ އުފަންދުވަހުގެ ހަފުލާއެއް ފާހަގަކުރާ ގޮތަށެވެ. އެގޮތުން ކޮޓަރި ތެރޭގައި ފުއްޕާހަމާއި، ދިއްލާފައިވާ އުއްބައްޗާއި އަދި ޗޮކްލެޓުތައް ބަހައްޓާފައި ހުރި ކަމަށާއި، ބެލެވޭ ގޮތުގައި މިއީ ދަރިފުޅުގެ އެންމެ ފަހު އުފަންދުވަސް ފާހަގަކުރުމަށް އޭނާ ކުރި ކަމެކެވެ.

މަރުވި ކިޝޯރް ދަނަކް ދޫކޮށްދިޔަ ތިން ސިޓީއެއް ފުލުހުންނަށް ވަނީ ފެނިފައެވެ. އެ ސިޓީތަކުގައި އޭނާ ތަހައްމަލު ކުރަމުން ދިޔަ މާލީ ދަތިތަކާއި، ދަރިފުޅު މަރާލަން ޖެހުނު މައިގަނޑު ސަބަބު ވަރަށް ތަފުސީލުކޮށް ލިޔެފައިވާ ކަމަށާއި، އަދި ކުރެވުނު ކަންތަކަށް މާފަށް އެދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހިތާމަވެރި އަދި އަނިޔާވެރި ހާދިސާއާ ގުޅިގެން މުޅި އެ ސަރަހައްދަށް ބޮޑު ސިހުމެއް ލިބިފައިވާއިރު، ފުލުހުން ދަނީ މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަމުންނެވެ. މިގޮތުން އޭނާގެ ދަރަންޏާއި މާލީ ހާލަތު އޮތް ގޮތް އިތުރަށް ބަލަމުން އަންނަ ކަމަށް އޮފީހުން ބުންޏެވެ.