ސްވިޑެންގެ މަލްމޯ އަތުން 2-1 އިން ބަލިވެ ސްކޮޓްލެންޑްގެ ޗެމްޕިއަން ރޭންޖާސްއާއެކު މި އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުމަށް އެ ޓީމުގެ ކޯޗު ސްޓީވެން ޖެރާޑް ކުރަމުންއައި އުއްމީދުތައް ފުނޑުފުނޑުވެއްޖެއެވެ.

ގްލާސްގޯގެ އިބްރޮކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ 18 ވަނަ މިނެޓުގައި ރޭންޖާސް އަށް ލީޑްނަގައިދިނީ އަލްފްރެޑޯ މޮރެލޯސް އެވެ. މި ނަތީޖާއާއެކު ދެ ޓީމުގެ މެދުގައި ކުޅެވުނު ޗެމްޕިއަންސް ލީގުގެ ކޮލިފައިން ތިންވަނަ ބުރުގެ ފުރަތަމަ ލެގަށްފަހު 2-2 ގެ އެގްރިގޭޓުން އެއްވަރުވެފައިވަނިކޮށް، މަލްމޯގެ ބޮންކޭ އިނޮސެންޓަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށްނެވެ.

އެކަމަކު، ދެވަނަ ހާފުގައި ރޭންޖާސް އަށް އޭގެ ފައިދާނުނެގުނުއިރު ޑިފެންސަށް ހެދުނު ގޯސްތަކެއް ސަބަބުން މަލްމޯ އިން ހަތަރު މިނެޓުގެ ތެރޭގައި ވައްދާލި ދެލަނޑާއެކު މެޗު ކާމިޔާބުކުރިއެވެ. އެ ޓީމުގެ ދެލަނޑުވެސް ޖެހީ އެންޓޯނިއޯ ކޮލަކް އެވެ. މިއާއެކު، މަލްމޯ އިން މި މުބާރާތުގެ ޕްލޭ-އޮފްގެ ޖާގަ ކަށަވަރުކުރީ 4-2ގެ އެގްރިގޭޓުންނެވެ.

މި މެޗުން ބަލިވުމުން ރޭންޖާސް އަށް ދެން އޮތީ ޔުރޮޕާ ލީގުގެ ޕްލޭ-އޮފްގައި ކަޒަކިސްތާންގެ ކައިރާތު އަލްމާތީ ނުވަތަ އާމިނިއާގެ އަލަޝްކާޓްއާ ދެކޮޅަށް ކުޅޭ މެޗެވެ. ރޭންޖާސްގެ އިތުރުން ސްކޮޓްލެންޑްގެ ސެލްޓިކަށް ވެސް މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ދޮރު ވަނީ ބަންދުވެފައެވެ. އެ މުބާރާތުގެ ދެވަނަ ބުރުން އެ ޓީމު ކެޓީ ޑެންމާކުގެ މިޓްޔައެލަންޑް އަތުން 3-2ގެ އެގްރިގޭޓުންނެވެ.

މީގެއިތުރުން، ރޭގެ މެޗަކީ މިފަހަރުގެ ސީޒަނުގައި ރޭންޖާސް އެންމެ ކުޅުނު ހަތަރު މެޗުގެ ތެރެއިން ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ. އެ ޓީމު މޮޅުވީ ލީގުގެ ފުރަތަމަ މެޗުގައި ލިވިންސްޓަން އަތުން އެކަންޏެވެ. އޭގެފަހުން، ދެން ކުޅެވުނު ތިން މެޗުގެ ތެރެއިން މަލްމޯ އަތުން ދެ މެޗުން 2-1 އިން ބަލިވިއިރު، ޑަންޑީ ޔުނައިޓެޑް އަތުން ބަލިވީ 1-0 އިންނެވެ.

ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ރޭންޖާސް ކޯޗު ޖެރާޑް ބުނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވުމަކީ ޤަބޫލުކުރެވޭނެ ނަތީޖާތަކެއް ނޫން ކަމަށާއި، މިހާރަށްވުރެ ރަނގަޅު ކުރަންޖެހޭ ކަންތައް އެބަހުރި ކަމަށެވެ.

ރޭންޖާސް އަށް ދެން އޮތީ ލީގުކަޕްގެ ދެވަނަ ބުރުގައި އަންނަ ހުކުރު ދުވަހު ޑަންފާމްލިން އެތުލެޓިކާ ދެކޮޅަށް ކުޅޭ މެޗެވެ.