އިސްލާމީ ތާރީޚުގެ މާޒީގެ މާތް ސަފްޙާތަކަށް ފުންކޮށް ނަޒަރުހިންގާލާއިރު، "ސުޢޫދީ ޢަރަބިއްޔާ" ގެ ނަމުގައި ޤަދީމީ އިސްލާމީ ދައުލަތެއް ނުވަތަ ޙަޟާރީ މަރުކަޒެއް ތާރީޚުގެ އެއްވެސް ސަފްޚާއެއްގައި ވުޖޫދުވެފައި ނެތްކަމީ އެއްވެސް އޮޅުމެއްނެތް، އިންކާރު ނުކުރެވޭނެ އުޞޫލީ ޙަޤީޤަތެކެވެ. އިސްލާމްދީނުގެ މަތިވެރި ނޫރު ފާޅުވެ، މުޅި ޢާލަމަށް ފެތުރިގެން ދިޔައީ ޢަރަބި ކަރައިގެ ހުޅަނގު ފަރާތުގައިވާ ބަރަކާތްތެރި، މުޤައްދަސް "ހިޖާޒު" ގެ ބިމުންނެވެ. އިސްލާމީ އުންމަތުގެ ހިތަކީ މައްކާއާއި މަދީނާ އެކުލެވިގެންވާ މި މާތް ހިޖާޒުގެ ބިމެވެ.
ހިޖާޒަކީ އިސްލާމީ ޙަޟާރަތުގެ ނާރެހެވެ. ދުނިޔޭގެ އެންމެ މާތް އިންސާނާ، ކީރިތި ރަސޫލާ މުޙައްމަދު ﷺ ދުންޔަވީ ޙަޔާތްޕުޅަށް އުފަންވެވަޑައިގެން، މާތް ﷲ ގެ ވަޙީ ބާވައިލެއްވި، ތައުޙީދުގެ މާތް ދަޢުވަތު ފެއްޓެވީ މައްކާގެ މުކައްރަމާގައެވެ. އަދި އޭގެފަހުން، އިސްލާމީ އުންމަތުގެ ފުރަތަމަ ސިޔާސީ އަދި އިޖުތިމާޢީ ބިންގާ އަޅުއްވައި، ފުރަތަމަ އިސްލާމީ ދައުލަތް އުފެއްދެވީ މަދީނާގެ މުނައްވަރާގައެވެ. މުޅި އިސްލާމީ ތާރީޚުގެ އެންމެ މުޤައްދަސް، އެންމެ އުޖާލާ ބާބުތައް ލިޔެވިގެންދިޔައީ ހިޖާޒުގެ މާތް ފަސްގަނޑުގައެވެ.
ކީރިތި ރަސޫލާ ﷺ ގެ ރިސާލަތަށްފަހު، ޚުލަފާއުއް ރާޝިދޫންގެ ރަންޒަމާނުގައިވެސް ވެރިކަމުގެ މަރުކަޒަކީ މަދީނާއެވެ. ނަމަވެސް އިސްލާމީ ފުތޫޙާތުތައް ފުޅާވެ، ދައުލަތް ބޮޑުވެގެން ދިއުމާއެކު، ސިޔާސީ ވެރިކަން ދިމަޝްޤަށާއި (އުމަވީ ދައުލަތް) ބަޣުދާދަށް (ޢައްބާސީ ދައުލަތް) ބަދަލުވެގެންދިޔައެވެ. އޭގެފަހުން އައި މަމްލޫކީ ދައުލަތާއި އުޘްމާނީ (އޮޓޯމަން) ޚިލާފަތުގެ ދުވަސްވަރުވެސް، ހިޖާޒަކީ ޚާއްޞަ ޙުރުމަތަކާއި ޤަދަރެއް ދެވިފައިވާ، "ޝަރީފުން" ގެ ބެލުމުގެ ދަށުން ހިންގުނު އަމާން، މުޤައްދަސް ސަރަޙައްދެކެވެ.
މިއަދު އަޅުގަނޑުމެންނަށް ފެންނަން މިހުރި "ސުޢޫދީ ޢަރަބިއްޔާ" އަކީ އިސްލާމީ ތާރީޚުގެ ނިސްބަތުން އެހާ ގަދީމީ ދައުލަތެއް ނޫނެވެ. މިއީ ޢަރަބި ކަރައިގެ މެދުތެރޭގައިވާ "ނަޖުދު" ސަރަޙައްދުގެ "އާލް ސުޢޫދު" ޢާއިލާއަށް ނިސްބަތްވާ ސިޔާސީ ވެރިކަމެކެވެ. މި ޢާއިލާގެ ސިޔާސީ ޙަރަކާތްތައް ފެށިގެންއައީ 18 ވަނަ ޤަރުނުގެ ތެރޭގައި، މުޙައްމަދު އިބްނު ޢަބްދިލްވައްހާބުގެ ދީނީ ދަޢުވަތާއި، މުޙައްމަދު އިބްނު ސުޢޫދުގެ ސިޔާސީ ބާރު އެއްކޮށްލައިގެން އުފެއްދި "ފުރަތަމަ ސުޢޫދީ ދައުލަތް" (1744-1818) އިންނެވެ.
އޭގެފަހުން "ދެވަނަ ސުޢޫދީ ދައުލަތް" (1824-1891) އުފެދި ނެތިދިއުމަށްފަހު، އަދުގެ "ތިންވަނަ ސުޢޫދީ ދައުލަތް" ނުވަތަ ޒަމާނީ ސުޢޫދީ ޢަރަބިއްޔާގެ ބިންގާ އަޅުއްވައިދެއްވީ ޢަބްދުލްޢަޒީޒް އާލް ސުޢޫދު (އިބްނު ސުޢޫދު) އެވެ. އޭނާ 1902 އިން ފެށިގެން ކުރެއްވި ހަނގުރާމަތަކަށްފަހު، 1925 ގައި ހިޖާޒުގެ ސަރަޙައްދު (މައްކާއާއި މަދީނާ) ހިފައި، އެ ބިންތައް ނަޖުދުގެ ހުކުމްރާނީގެ ދަށަށް ގެނައެވެ. އަދި 23 ސެޕްޓެމްބަރު 1932 ގައި، މި އެންމެހައި ސަރަޙައްދުތައް އެއްކޮށްލައި "އަލްމަމްލަކަތުލް ޢަރަބިއްޔާއުއް ސުޢޫދިއްޔާ" ގެ ނަމުގައި އާ ދައުލަތެއް އިޢުލާންކުރިއެވެ.
އިސްލާމީ ތާރީޚުގެ ފިޤުހީ، ޙަދީޘީ އަދި ތަފްސީރު މައިދާނުގައި ފާހަގަކޮށްލެވޭ ބޮޑެތި އިމާމުންނާއި ޢިލްމުވެރިން "ސުޢޫދީ" އަށް ނިސްބަތްނުވާ މައިގަނޑު ސަބަބަކީ، އެ ބޭކަލުން ދިރިއުޅުއްވި އުޖާލާ ޒަމާންތަކުގައި ސުޢޫދީގެ ނަމުގައި ދައުލަތެއް ނުވަތަ ސަރަޙައްދެއް ވުޖޫދުގައިވެސް ނެތުމެވެ. އިމާމް މާލިކު، އިމާމް ޝާފިޢީ، އިމާމް އަޙްމަދު، އިމާމް ބުޚާރީ، އިމާމް މުސްލިމް، ނަވަވީ، އަދި އިބްނު ތައިމިއްޔާ ފަދަ އުންމަތުގެ ފަޚުރުވެރި އިމާމުން ނިސްބަތްވެވަޑައިގަންނަވަނީ ހިޖާޒު، ޝާމް، ޢިރާޤު، ިމިޞްރު ނުވަތަ ޚުރާސާން ފަދަ ތާރީޚީ މާތް ބިންތަކަށެވެ.
މީގެއިތުރުން، އިސްލާމީ ތާރީޚުގެ ކުރީކޮޅުގައި (ޚުލަފާއުއް ރާޝިދޫންގެ ދުވަސްވަރަށްފަހު) އިސްލާމީ ޢިލްމީ، ސަގާފީ އަދި ފިކުރީ މަރުކަޒުތައް ހިޖާޒުން ބަޣުދާދާއި، ދިމަޝްޤާއި، ޤާހިރާއާއި، ނީޝާޕޫރާއި، ކޫފާއާއި ބަޞްރާ ފަދަ ޢިލްމީ އާރުތައް އުފެދުނު ބޮޑެތި ރަށްތަކަށް ބަދަލުވެގެންދިޔައެވެ. މަތިވެރި ޢިލްމުވެރިން އުފެދި، ފޮތްތައް ތަޞްނީފްކުރައްވައި، އުންމަތަށް ޚިދުމަތްކުރެއްވީ އެ ޢިލްމީ މަރުކަޒުތަކުގައި ތިއްބަވައިގެންނެވެ.
ސުޢޫދީ ދައުލަތް އުފެދިގެންއައި ނަޖުދު ސަރަޙައްދަކީ ތާރީޚީގޮތުން ބަލާއިރު، އިސްލާމީ އެހެން މަރުކަޒުތަކާ އަޅާބަލާއިރު ޢިލްމީ އަދި ޙަޟާރީ އާރޯކަމެއް އޮތް ސަރަޙައްދެއް ނޫނެވެ. އެއީ ގަބީލާ ތަކުގެ އިޖުތިމާޢީ ދިރިއުޅުން ބޮޑަށް އޮތް، އެކަހެރި ސަހަރާ ސަރަޙައްދެކެވެ. އެހެންކަމުން، 18 ވަނަ ޤަރުނުގެ ފަހުގެ ތާރީޚާ ހަމައަށް އެ ސަރަޙައްދުން އުންމަތް ދަންނަ ބޮޑެތި ޢިލްމުވެރިން އުފެދިފައިވަނީ ނިސްބަތުން ވަރަށް މަދުންނެވެ.
ވިހިވަނަ ޤަރުނުގެ ތެރޭގައި ސުޢޫދީ ދައުލަތް އުފެދި، ހިޖާޒުގެ މުޤައްދަސް ބިންތައް އެ ދައުލަތުގެ އިޚްތިޞާޞްގެ ދަށަށް ދިއުމާއެކު، ހިޖާޒުގެ ތާރީޚީ ތަރިކައާއި ސުޢޫދީގެ ނަން ސިޔާސީގޮތުން އެކުވެގެންދިޔައެވެ. ނަމަވެސް އިސްލާމީ ޢިލްމީ ތަރިކައާއި ދީނީ ޙަޟާރަތަށް ބަލާއިރު، އެ ތަރިކައަކީ "ސުޢޫދީ" އަށް ނިސްބަތްކުރެވޭނެ ތަރިކައެއް ނޫނެވެ. އެއީ ހިޖާޒުގެ މުޤައްދަސް ބިމަށާއި، އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އުފެދުނު އިލާހީ ޢިލްމުގެ މާހިރުންގެ މަތިވެރި ޚިދުމަތްތަކަށް ނިސްބަތްވާ އަގުނުކުރެވޭނެ ތަރިކައެކެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، އިސްލާމީ ތާރީޚުގެ ޙަޤީޤީ ޞަފްޙާތަކުގައިވަނީ ހިޖާޒާއި، މައްކާއާއި، މަދީނާއެވެ. ސުޢޫދީ ޢަރަބިއްޔާއަކީ އެ މުޤައްދަސް ބިންތައް ހިމެނޭ ގޮތަށް 1932 ގައި އުފެދުނު ޒަމާނީ ސިޔާސީ ދައުލަތެކެވެ. އިސްލާމީ ތާރީޚީ ޢިލްމުވެރިންގެ ނިސްބަތް "ސުޢޫދީ" އަށް ނުވަނީ، އެ ބޭކަލުންގެ ޒަމާނުގައި އެފަދަ ދައުލަތެއް ވުޖޫދުގައި ނެތުމާއި، އިސްލާމީ ޢިލްމީ މަރުކަޒުތައް ދުނިޔޭގެ އެހެން ބިންތަކުގައި ޤާއިމުވެފައިވުމުގެ ސަބަބުންނެވެ.
ހަވާލާ:
ާ ހިސްޓްރީ އޮފް ސައުދި އަރަބިއްޔާ - މަވާދީ އަލް ރަޝީދު (ކޭމްބްރިޖް ޔުނިވާސިޓީ)
ދަ އެމާޖެންސް އޮފް ދަ މޮޑާން މިޑްލް އީސްޓު - އަލްބާޓް ހޫރައިން
ބްރިލް އާޓިކަލް އޮފް ނަޖްދް، ހިޖާޒް އެންޑް ސައުދީ
