އިސްލާމްދީނަކީ އިންސާނީ ގުޅުންތައް ބަދަހިކުރުމަށާއި މުޖުތަމަޢުގެ އަމާންކަމަށް ނުހަނު ބޮޑަށް ބާރުއަޅާ ދީނެކެވެ. މީގެ ތެރެއިންވެސް އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމަކީ އީމާންކަމުގެ މުހިންމު ބައެއްގެ ގޮތުގައި އިސްލާމްދީން ކަނޑައަޅާފައިވާ ކަމެކެވެ. އަވަށްޓެރިޔާއަކީ ހަމައެކަނި ޖެހިގެން ހުންނަ ގޭގައި އުޅޭ މީހާ އެކަންޏެއް ނޫނެވެ. އެއީ ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ޚާއްޞަ ޙައްޤުތަކެއް ލިބިގެންވާ ފަރާތެކެވެ. އަޅުގަނޑުމެންގެ ދޭދޭ ގުޅުންތައް ރަނގަޅުކޮށް، އަވަށްޓެރިންނަށް އަޅާލުމަކީ މާތް ﷲ ގެ ހަޟުރަތުގައި ބޮޑުވެގެންވާ ދަރުމައާއި ޘަވާބު ލިބޭނޭ ކަމެކެވެ.

އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމަށް އަންގަވައި މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ:

﴿وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَىٰ وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنۢبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ إِنَّ اللَّهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا﴾ (ސޫރަތުއްނިސާ: 36)

މި އާޔަތުގެ މާނައީ: "އަދި ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އަދި އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކުނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އަދި ތިމާގެ މީހުންނަށާއި، يتيم ންނަށާއި، مسكين ންނަށާއި، ގާތް އަވަށްޓެރިންނަށާއި، ދުރު އަވަށްޓެރިންނަށާއި، ކައިރި އެކުވެރިންނަށާއި، ދަތުރުވެރިންނަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ކިބުރުވެރިވެ، ބޮޑާވެގަންނަ މީހަކުދެކެ ﷲ ލޯބިވޮޑިގެންނުވެއެވެ."

މިއިން އެނގެނީ އަވަށްޓެރިންނަށް އިޙްސާންތެރިވުމަކީ ﷲ އަށް އަޅުކަންކުރުމާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ އަމުރުފުޅާ ގުޅިފައިވާ މުހިންމު ކަމެއް ކަމެވެ.

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވާ ގޮތުގައި، އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމަކީ ހަމައެކަނި އެމީހުންނަށް އުނދަގޫ ނުކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި އެމީހުންގެ ޙާލުބަލައި، އެމީހުންނަށް އެހީތެރިކަން ބޭނުންވާ ވަގުތުތަކުގައި އެހީގެ އަތެއް ދިއްކޮށްލުމަކީ އަސްލު އިސްލާމީ އަޚްލާޤެވެ. މުފްތީ މެންކް ފާހަގަކުރައްވާ ގޮތުގައި އަޅުގަނޑުމެންގެ އަވަށްޓެރިޔާއަކީ މުސްލިމަކަށް ވިޔަސް ނުވަތަ ޣައިރު މުސްލިމަކަށް ވިޔަސް، އެމީހުންނަށް އިޙްތިރާމްކޮށް، ހިނިތުންވުމާއެކު ބައްދަލުކޮށް، ރީތި ބަހުން މުޢާމަލާތް ކުރުމަކީ އިސްލާމްދީނުގެ ރީތި ސިފަތައް އެހެން މީހުންނަށް ދައްކުވައިދޭނެ ކަމެކެވެ.

އަވަށްޓެރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ބަދަހިކުރުމަށްޓަކައި ކުދިކުދި ކަންކަމުން ފެށިދާނެއެވެ. އެގޮތުން ގޭގައި ކެއްކޭ ރަނގަޅު ކާތަކެތިން އެއްޗެއް އަވަށްޓެރިޔާއަށް ފޮނުވުމާއި، އެމީހުން ބަލިވެއުޅޭނަމަ ޙާލުބަލައިލުމާއި، އުނދަގުލެއް ކުރިމަތިވެއްޖެ ހިނދެއްގައި އެހީތެރިވުން ހިމެނެއެވެ. އަދި އަވަށްޓެރިޔާއަށް އަޑުގެ ގޮތުންނާއި، ކުނިއެޅުމުގެ ގޮތުން ނުވަތަ އަމަލީ ގޮތުންވެސް އެއްވެސް ދަތިކަމެއް ނުފޯރުވައި، އެމީހުންގެ އަބުރާއި ނަން ރައްކާތެރިކޮށްދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެކެވެ.

އަވަށްޓެރިންނާއެކު އޮންނަ ގުޅުން ރަނގަޅުކުރުމަކީ މުޅި މުޖުތަމަޢުގެ އަމާންކަމާއި އުފާވެރިކަމާ ގުޅިފައިވާ ކަމެކެވެ. އަޅުގަނޑުމެންގެ އަވަށްޓެރިންނަށް ހެޔޮކޮށް ހިތައި، އެމީހުންގެ ޙައްޤުތަކަށް މުރާޖަޢާކޮށް، އިޙްސާންތެރި މުޖުތަމަޢެއް ބިނާކުރުމަށް އެންމެން އެކުވެރިވެގެން މަސައްކަތްކުރަންޖެހެއެވެ. މާތް ﷲ އަޅުގަނޑުމެންނަކީ އަވަށްޓެރިންނަށް ހެޔޮކޮށްހިތާ، އެމީހުންގެ ޙައްޤުތައް އަދާކުރާ ބަޔަކު ކަމުގައި ލައްވާށިއެވެ.

ހަވާލާ: މުފްތީ މެންކުގެ ދަރުހަކުން 2025.