ޕީއެސްޖީ އަށް ދާދިފަހުން ސޮއިކުރި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އައުމާއެކު އެ ކްލަބުގެ މާލީ ހިސާބުތައް ހަމަޖެއްސުމުގެ ގޮތުން ގިނަ ކުޅުންތެރިންތަކެއް ވިއްކާލަން އުޅޭ ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އުމުރުން 34 އަހަރުގެ މެސީ ވަނީ ޕީއެސްޖީ އާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މެސީ އަށް ޕީއެސްޖީން އަހަރަކު މުސާރައިގެ ގޮތުގައި 40 މިލިއަން ޔޫރޯ ލިބޭނެ އެވެ. އަދި ސޮއިކުރިއިރު ބޯނަހެއްގެ ގޮތުގައި މެސީ އަށް 40 މިލިއަން ޔޫރޯ ދީފައިވެއެވެ. އެ ކޮންޓްރެކްޓްގައިވާ ގޮތުން ޕީއެސްޖީން ބޭނުންނަމަ އިތުރު އެއް އަހަރަށް މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ ފުރުސަތު ވެސް ލިބިގެންވެއެވެ.
އެހެންކަމުން، މެސީ ސޮއިކުރުމާއެކު ޕީއެސްޖީގައި މިވަގުތު ތިބި ކުޅުންތެރިންގެ މުސާރަތަކުގެ ޖުމްލަ އަދަދު 300 މިލިއަން ޔޫރޯ އަށް އަރާފައިވާއިރު، ޚަރަދުތައް ކުޑަކޮށް ހިސާބުތައް ހަމަޖެއްސުމުގެ ގޮތުން އެ ކްލަބުގެ ރައީސް ނާސިރު އަލް ހެއްލާފީ ވަނީ ކުޅުންތެރިންތަކެއް ވިއްކާލަން ނިންމާފައެވެ.
އެގޮތުން، މިހާތަނަށްއައިއިރު އެ ޓީމުން ދޫކޮށްލަން ނިންމާފައިވާ ކުޅުންތެރިންގެ ތެރޭގައި، ތިލޯ ކެރާ، އަބްދޫ ޑިއާލޯ، ރަފީނިއާ އަލްކަންތާރާ، އިދްރީސާ ގޭއި، މައުރޯ އިކާޑީ، އެންޑާ ހެރޭރާ، ސާޖިއޯ ރިކޯ، ލޭވިން ކުރްޒާވާ އަދި ޕަބްލޯ ސަރާބިއާ ހިމެނެއެވެ.
މެސީގެ އިތުރުން ޕީއެސްޖީން ވަނީ ރެއާލް މެޑްރިޑް އަދި ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ލިވަޕޫލަށް ކުޅުނު ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް އާއި އިޓަލީއާއެކު އެންމެ ފަހުގެ ޔޫރޯގައި މޮޅު ކުޅުމެއްދެއްކި ޒުވާން ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އަދި މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީގެ ސޮއި ހޯދާފައެވެ. މީގެތެރެއިން، ހަކީމީ ގެނައުމަށް އިންޓަ މިލާނަށް 60 މިލިއަން ޔޫރޯ ވަނީ ދައްކާފައެވެ. އަދި ނިމިދިޔަ ސީޒަނުގައި އެފްސީ ޕޯޓޯ އިން ލޯން އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް ކުޅުނު ޕޯޗުގަލް މިޑްފީލްޑަރު ޑަނީލޯ ޕެރޭރާގެ ކޮންޓްރެކްޓް ދާއިމީކުރަން 16 މިލިއަން ޔޫރޯ ދައްކާފައިވެއެވެ.
