1972 ވަނަ އަހަރުން ފެށިގެން ސައިންސްވެރިންނަށް ހައްލުނުކުރެވި އޮތް ބޮޑު ސިއްރެއް ހައްލުކޮށް، އިންސާނުންގެ ލޭގެ އާ ގްރޫޕެއް ސައިންސްވެރިން ވަނީ ދެނެގަނެފައެވެ. މި ހޯދުމާއެކު، ލޭގެ ރަތް ސެލްތަކުގެ މަތީގައި ހުންނަ "އޭ.އެން.ޑަބްލިއު.ޖޭ" ކިޔާ އެންޓިޖެންއެއްގެ ފަހަތުގައިވާ ޖެނެޓިކް ސަބަބު ވަނީ ހާމަވެފައެވެ. ސައިންސްވެރިން މި އާ ސިސްޓަމަށް ނަންދީފައިވަނީ "އެމް.އޭ.އެލް" ބްލަޑް ގްރޫޕް ސިސްޓަމްގެ ނަމުންނެވެ.
މި ހޯދުން ހޯދާފައިވަނީ އިނގިރޭސިވިލާތުގެ އެން.އެޗް.އެސް ބްލަޑް އެންޑް ޓްރާންސްޕްލާންޓް އަދި ބްރިސްޓޮލްޔުނިވަސިޓީގެ ސައިންސްވެރިން ގުޅިގެންނެވެ. ސައިންސްވެރިންނަށް އެނގުނު ގޮތުގައި ާއޭ.އެން.ޑަބްލިއު.ޖޭ އެންޓިޖެން އުފެދެނީ "މަލް ޕްރޮޓީން" ކިޔާ ޕްރޮޓީންއެއްގެ ސަބަބުންނެވެ. ދުނިޔޭގެ އާބާދީގެ 99.9 އިންސައްތައަށްވުރެ ގިނަ މީހުންނަކީ "އޭ.އެން.ޑަބްލިއު.ޖޭ ޕޮޒިޓިވް" މީހުންނެވެ. ނަމަވެސް، މަދު ބަޔަކު "އޭ.އެން.ޑަބްލިއު.ޖޭ ނެގެޓިވް" ގެ ގޮތުގައި ތިބެނީ ޖެނެޓިކް މިއުޓޭޝަނެއްގެ ސަބަބުން ނުވަތަ ބައެއް ކަހަލަ ބަލިތަކުގެ ސަބަބުންނެވެ.
މި އާ ހޯދުމުގެ ސަބަބުން ސިއްހީ ދާއިރާއަށް، ހާއްސަކޮށް ލޭ އަޅައިދިނުމުގެ ހިދުމަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. ލޭގެ އޭ.އެން.ޑަބްލިއު.ޖޭ ނެގެޓިވް ހުންނަ މީހުންނަށް މީގެ ޕޮޒިޓިވް ލޭ އަޅައިފިނަމަ، ހަށިގަނޑުން އެއާ ދެކޮޅަށް މަސައްކަތްކޮށް، ނުރައްކާތެރި ރިއެކްޝަންތައް އުފެދުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް މި ހޯދުމާއެކު، މިފަދަ ނާދިރު ލޭގެ ގްރޫޕްތައް ހުންނަ މީހުން ދެނެގަތުމަށް އާ ޖެނެޓިކް ޓެސްޓުތައް އުފެއްދުމުގެ މަގު މިހާރު ވަނީ އަލިވެފައެވެ.
މިއީ 50 އަހަރަށްވުރެ ގިނަ ދުވަސްވީ ސައިންސާއި ބޭސްވެރިކަމުގެ ބޮޑު އޮޅުންބޮޅުންގަނޑަކަށް ނިމުން އައިސް، ކުރިއަށް އޮތް ތަނުގައި ބަލިމީހުންގެ ފުރާނަ ސަލާމަތްކުރުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މިފަދަ ހޯދުންތަކުގެ ސަބަބުން، ނާދިރު ލޭގެ ގްރޫޕްތައް ހުންނަ ބަލިމީހުންނަށް ރައްކާތެރިކަމާއެކު ފަރުވާދިނުމުގެ ފުރުސަތު އިތުރަށް ފުޅާވެގެންދާނެއެވެ.
ހަވާލާ: ސައިންސް ޑެއިލީ 2026.
