އިންޑިއާގެ މަގުބޫލު ރިއަލިޓީ ޝޯ "ބިގް ބޮސް 20" ގެ އާ ޕްރޮމޯއެއްގައި ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ހާންގެ ސިއްހީ ހާލަތު ކުއްލިއަކަށް ގޯސްވި ކަމަށް ދެއްކުމުން އާންމުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދި، އެންމެ ފަހުން އޭނާ އަމިއްލައަށް މާފަށް އެދި ހަގީގަތް ހާމަކުރަން ޖެހިއްޖެއެވެ.
ޝޯގެ ބައިވެރިއަކަށް ފިލާވަޅެއް ދަސްކޮށްދިނުމުގެ ގޮތުން ސަލްމާން ކުރި އެކްޓިންގެ ސަބަބުން މި މައްސަލަ ވަނީ ބޮޑު ސަމާލުކަމަކަށް އައިސްފައެވެ.
އިންސްޓަގްރާމް މެދުވެރިކޮށް ހަގީގަތް ހާމަކުރަމުން ސަލްމާން ބުނީ، އޭނާގެ ސިއްހީ ހާލަތާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި އޭނާ ހުރީ މުޅިން ގަދަކޮށް ކަމަށެވެ. އަދި ޕްރޮމޯ އެޑިޓްކޮށް ބެލުންތެރިންނަށް ދެއްކި ގޮތުން، ގިނަ ބަޔަކަށް އޮޅުން އަރައި ބިރުވެރިކަން އުފެދުމުން އެކަމާ މެދު ހިތާމަކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
މި އެކްޓް ކުޅެން ޖެހުނު ސަބަބު ބަޔާންކުރަމުން ސަލްމާން ކިޔައިދިން ގޮތުގައި، އެއީ ގޭގައި ހުރި ބައިވެރިއެއް ކަމަށްވާ ގާޒީއަށް ކަމެއް ވިސްނައިދިނުމަށް ކުރި ކަމެކެވެ. އެގޮތުން މީހެއްގެ ސިއްހީ ހާލަތަކީ މަޖަލަކަށް ނުވަތަ މީހުން އެންޓަޓެއިން ކުރުމަށް ބޭނުންކުރަން ވާނެ އެއްޗެއް ނޫންކަން އަންގައިދިނުމަށް ތަދުވާ ކަމަށް ހެދިގެން އެކްޓްކުރީ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް، ޓީވީ ޗެނަލުން އެ މަންޒަރުތައް ކަނޑައި އެޑިޓްކުރި ގޮތުން، ސަލްމާން ވެސް ހަމަ އެފަދަ ގޮތަކަށް އަމަލުކުރީ ކަމަށް ބެލުންތެރިންނަށް ހީވި ކަމަށް ސަލްމާން ފާހަގަކުރިއެވެ. މިކަމުގެ ސަބަބުން، ޝޯ ބަލަން ތިބި އާންމުންގެ އިތުރުން ގޭތެރޭގައި ތިބި 15 ބައިވެރިން ވެސް ހަގީގަތް ނޭނގި އޭނާގެ ސިއްހަތާ މެދު އިންތިހާއަށް ބިރުގެން ކަންބޮޑުވި ކަމަށް އޭނާ ބުންޏެވެ.
އެހެންކަމުން، ސަލްމާންގެ މައާފަށްއެދުނީ އޭނާގެ ހާލަތާ މެދު އިހުލާސްތެރިކަމާ އެކު ކަންބޮޑުވި ބެލުންތެރިންނަށާއި ގޭތެރޭގެ ހުރިހާ ބައިވެރިންނަށެވެ. އެޑިޓިންގެ ސަބަބުން ހަގީގަތް އޮޅޭ ގޮތް ދިމާވާ ކަމަށާއި، މިފަހަރު އަމިއްލައަށް ނުކުމެ ކަން ހިނގި ގޮތް ސާފުކޮށްދޭން ޖެހުނީ އެހެންވެގެން ކަމަށް ބުނެ ސަލްމާން ވަނީ އޭނާ މުޅިން ރަނގަޅު ކަމުގެ ޔަގީންކަން އެންމެންނަށް ދީފައެވެ.
