އެމެރިކާގެ ނާސާ ޖޯންސަން ސްޕޭސް ސެންޓަރު ކައިރީގައި ހުންނަ ދިރާސާ މަރުކަޒަކުން ހަތަރު މިލިއަން ޑޮލަރުގެ އަގުހުރި ހަނދުގެ ހިލަކޮޅެއް ވަގަށް ނަގައި، އަމިއްލަ ފުރަގަސްފަރާތުގައި ފޮރުވައިގެން ގައުމުން ބޭރަށް ފިލަން އުޅުނު އިންޓާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ޓެކްސަސްގެ ހިއުސްޓަންގައި ހިނގި މި ހާދިސާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 24 އަހަރުގެ ކޭލެބް ރަސްކް ކިޔާ ޒުވާނެކެވެ.
މި މައްސަލަ ފަޅާއެރީ ދުވަހުގެ މަސައްކަތް ނިންމުމަށް ފަހު ލެބޯޓްރީގެ އިންވެންޓަރީ ޗެކްކުރި އިރު، ބޭސްބޯޅައެއްގެ ސައިޒު ހުރި ހަނދުގެ ހިލަކޮޅު މަދުވެފައިވާކަން އެނގުމުންނެވެ. ވަގުތުން ލެބަށް ވަދެ ނުކުތް މީހުންގެ ލޮގްތަކާއި ސީސީޓީވީ ކެމެރާތައް ބެލި އިރު، ރަސްކް އެ ހިލަކޮޅު ނަގައި، ވަށައިގެން މީހަކު ހުރިތޯ ބެލުމަށް ފަހު ފަޓުލޫނު ތެރެއަށް އަތްކޮއްޕައިގެން ވަރަށް އުނދަގުލުން ހިނގާފައި ދާ މަންޒަރު ވަނީ ފެނިފައެވެ.
އޮފިޝަލުން އޭނާ ހިފަހައްޓައި ކުރި ތަހުގީގަށް ފަހު، ހަނދުގެ ހިލަކޮޅު ވަނީ ޑޮކްޓަރުންގެ ހާއްސަ އެހީތެރިކަމާ އެކު އޭނާގެ ފުރަގަސްފަރާތުން ނަގާފައެވެ. ސުވާލުކުރުމުން އެ ހިލަކޮޅު އެތަނަށް ދިޔަ ގޮތެއް ނޭނގޭ ކަމަށާއި އެއީ އޮޅުމެއް ކަމަށް އޭނާ ބުނި ނަމަވެސް، ތަހުގީގީ ޓީމުތަކުން އެ ވާހަކަ ގަބޫލެއް ނުކުރެއެވެ.
އޭނާ މަސައްކަތްކުރާ ތަނުގައި ހުރި ލޮކަރު ބަލައި ފާސްކުރި އިރު، އޭނާގެ ޕާސްޕޯޓާއި، ގިނަ އަދަދެއްގެ ނަގުދު ފައިސާ އަދި ދުބާއީއަށް ފުރުމަށް ނަގާފައިވާ ވަން-ވޭ ޓިކެޓެއް ވަނީ ފެނިފައެވެ. ތަހުގީގު ކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި އޭނާ ރާވާފައި ވަނީ ދުބާއީއަށް ގޮސް، ކަޅު ބާޒާރުގައި ބޮޑު އަގުގައި އެ ހިލަކޮޅު ގަންނަން އެއްބަސްވި ޕްރައިވެޓް ބަޔަރަކާ ބައްދަލުކުރުމަށެވެ.
ރަސްކް މިހާރު ހުރީ ފެޑެރަލް ބަންދެއްގައި ބަހައްޓާފައެވެ. އަދި އޭނާގެ މައްޗަށް އެމެރިކާ ސަރުކާރުގެ އަގުހުރި މިލްކިއްޔާތެއް ވަގަށް ނެގުމާއި، ހިމާޔަތްކޮށްފައިވާ ހަނދުގެ މާއްދާއެއް ގަވާއިދާ ހިލާފަށް ޓްރެފިކް ކުރަން އުޅުމުގެ ސީރިއަސް ޖިނާއީ ދައުވާތައް އުފުލުމަށް ޕްރޮސެކިއުޓަރުން އަންނަނީ ތައްޔާރުވަމުންނެވެ.
