މި ސެޕްޓެމްބަރު މަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ކޮންމެވެސް ވަރަކަށް ދަށްވި ނަމަވެސް، އަހަރުގެ ފަހުކޮޅު ފެށޭ ޕީކް ސީޒަނާ މެދު ބޮޑު އުންމީދެއް އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް މި މަހު ރާއްޖެ އައިސްފައި ވަނީ 89،505 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 ގެ ނިޔަލަށް އައި 91،639 ފަތުރުވެރިންނާ އަޅާބަލާއިރު 2،134 ފަތުރުވެރިންގެ ދަށްވުމެކެވެ.

މި މަހު ފަތުރުވެރިން އައި އަދަދު ކުޑަކޮށް ދަށްވި ނަމަވެސް، މުޅި އަހަރުގެ މިހާތަނަށް ޖުމްލަ 1.5 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 1.1 މިލިއަން މީހުން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައެވެ. މީގެއިތުރުން ގެސްޓްހައުސްތަކުގައި ތިން ލައްކައަށް ވުރެ ގިނަ މީހުން އަދި ސަފާރީ އުޅަނދުފަހަރުގައި 28،596 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ އިރު، އެހެނިހެން ތަންތަނުގައި 2،400 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ މަޑުކޮށްފައެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނައިން މީހުން އައި ގައުމުތަކުގެ އެއްވަނައިގައި އޮތީ ޗައިނާ މާކެޓެވެ. އެގޮތުން ޗައިނާއިން 284،555 ފަތުރުވެރިން އައިސްފައިވާ އިރު، މިއީ މުޅި މާކެޓުގެ 18.8 އިންސައްތައެވެ. ދެވަނައިގައި 222،055 ފަތުރުވެރިންނާ އެކު ރަޝިއާ އޮތްއިރު، އިނގިރޭސިވިލާތުން ވަނީ 116،658 ފަތުރުވެރިން އައިސްފައެވެ. މީގެއިތުރުން އިޓަލީން 96،010 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 94،494 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިއަހަރުގެ މެދުތެރެއިން ފަތުރުވެރިކަމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މިދިޔަ ފެބްރުއަރީ މަހު މެދުއިރުމަތީގައި ފެށުނު ހަނގުރާމައާ ގުޅިގެން ވައިގެ ދަތުރުފަތުރަށް އެޅުނު ހުރަސްތަކެވެ. ރާއްޖެއަށް ގިނަ އަދަދެއްގެ މީހުން އަންނަ މެދުއިރުމަތީގެ ޓްރާންސިޓް ރޫޓްތައް ބަންދުވުމުގެ ނޭދެވޭ އަސަރު ދާއިރާއަށް ކުރި ނަމަވެސް، މިހާރު ހާލަތު އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ. އެގޮތުން ވޭތުވެދިޔަ އޮގަސްޓް މަހަކީ ހަނގުރާމަ ފެށުނު ފަހުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ އައި މަހެވެ.

ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައި ވަނީ ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައި ވަނީ، އަހަރުގެ ފަހު ސީޒަން ވެގެންދާނީ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ކާމިޔާބު މުއްދަތަކަށް ކަމަށެވެ. އަދި މިއަހަރު ނިމޭއިރު ރާއްޖެ އަންނަ ޖުމްލަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށް ވުރެ މަދުނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.