ޕްރޮސެސްކޮށްފައިވާ ކާބޯތަކެތި ގިނަދުވަހު ބެހެއްޓުމަށް ބޭނުންކުރާ އާންމު ރައްކާތެރިކުރާ މާއްދާތަކުން (ޕްރިޒަވޭޓިވްސް އިން) ހިތުގެ ސިއްހަތަށް ނުރައްކާވެދާނެކަމަށް ޔޫރޯޕިއަން ސޮސައިޓީ އޮފް ކާޑިއޮލޮޖީން ނެރުނު އާ ދިރާސާއަކުން ދައްކައިފިއެވެ. މިފަދަ މާއްދާތައް ގިނައިން އެކުލެވޭ ކާބޯތަކެތި ބޭނުންކުރުމަކީ ލޭމައްޗަށް ދިއުމާއި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުތަނުން އިތުރުވެގެންދާ ކަމެއްކަން މި ދިރާސާއިން ވަނީ ފާހަގަކުރެވިފައެވެ.
މި ދިރާސާގައި ސައިންސްވެރިން ވަނީ ކާބޯތަކެތީގައި އެންމެ އާންމުކޮށް ބޭނުންކުރާ 8 މާއްދާއެއް، ލޭމައްޗަށް ދިއުމުގެ ނުރައްކަލާ ސީދާ ގުޅުންހުރިކަން ދެނެގަނެފައެވެ. އެ މާއްދާތަކުގެ ތެރޭގައި ޕޮޓޭސިއަމް ސޯބޭޓް، ޕޮޓޭސިއަމް މެޓަބައިސަލްފައިޓް، ސޯޑިއަމް ނައިޓްރައިޓް، އެސްކޯބިކް އެސިޑް، ސޯޑިއަމް އެސްކޯބޭޓް، ސޯޑިއަމް އެރިތޯބޭޓް، ސިޓްރިކް އެސިޑް އަދި ރޯޒްމެރީ އެކްސްޓްރެކްޓްސް ހިމެނެއެވެ. މީގެ ތެރެއިން އެސްކޯބިކް އެސިޑަކީ ހިތުގެ އެކި ބަލިތަކާވެސް ހާއްސަ ގުޅުމެއް ހުރި މާއްދާއެއްގެ ގޮތުގައި ފާހަގަކުރެވުނެވެ.
ނަމަވެސް، ރިސާޗަރުން ފާހަގަކުރާ ގޮތުގައި މިއީ އޮބްޒަވޭޝަނަލް ދިރާސާއަކަށްވާތީ، މި މާއްދާތަކަކީ ސީދާ މި ބަލިތައްޖެހެން މެދުވެރިވާ ސަބަބުކަން ސަތޭކަ އިންސައްތަ ސާބިތެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް، ތަހުލީލުތަކުން ދައްކާ ގޮތުގައި މިފަދަ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގައި އޮކްސިޑޭޓިވް ސްޓްރެސް އުފެދި، ޕެންކްރިއާސްގެ މަސައްކަތަށް ބުރޫއެރުން އެކަށީގެންވެއެވެ.
މި ހޯދުންތަކާ ގުޅިގެން ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ ޕްރޮސެސްކޮށްފައިވާ ކާބޯތަކެތި ބޭނުންކުރުން މަދުކޮށް، ގުދުރަތީ ތާޒާ ކާބޯތަކެއްޗަށް އިސްކަންދިނުމަށެވެ. އަދި ކާބޯތަކެތީގައި ބޭނުންކުރާ މިފަދަ މާއްދާތަކުގެ ރައްކާތެރިކަމާ މެދު ކަމާބެހޭ އިދާރާތަކުން އަލުން ވިސްނައި ފިޔަވަޅުތައް ވަރުގަދަކުރަންޖެހޭކަންވެސް ދިރާސާވެރިން ވަނީ ގޮވާލާފައެވެ.
ހަވާލާ: ސައިންސް ޑެއިލީ 2026.
