މައްކާގެ މަސްޖިދުލް ހަރަމްގެ ހިދުމަތްތެރި އެއް މުދިމު ކަމަށްވާ ޝެއިހް އިބްރާހިމް އަލް މަދަނީ، އުމުރުން 49 އަހަރުގައި ހޯމަ ދުވަހު ނިޔާވެއްޖެއެވެ. ހަރަމައިންގެ ހަބަރުތައް ގެނެސްދޭ "އިންސައިޑް ދަ ހަރަމައިން" އިން މިކަން ކަށަވަރުކޮށްދީފައިވާއިރު، އޭނާ ނިޔާވުމާ ގުޅިގެން އިސްލާމީ އުއްމަތުގެ ގިނަ ބަޔަކަށް ވަނީ ފުން ހިތާމައެއް ލިބިގެން ގޮސްފައެވެ.

ޝެއިހް އިބްރާހިމް އެންމެ ފަހުން ބަންގި ގޮވާފައިވަނީ ހޯމަ ދުވަހުގެ ފަތިސް ނަމާދަށް މަސްޖިދުލް ހަރަމްގައެވެ. އެއީ އޭނާ ނިޔާވުމުގެ މަދު ގަޑިއިރުތަކެއް ކުރިންނެވެ. އޭނާ އެންމެ ފަހުން ގޮވި ފަތިސް ބަންގީގެ އޯޑިއޯ ރެކޯޑިން އިންސައިޑް ދަ ހަރަމައިން މެދުވެރިކޮށް އާންމުކުރުމާއެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އެ އަޑު އަހައި، އޭނާއަށް ހެޔޮދުއާ ކުރަމުންނެވެ.

މަދީނާއަށް 1976 ވަނަ އަހަރު އުފަންވި ޝެއިހް އިބްރާހިމް، މިސްކިތްތަކުގައި ބަންގި ގޮވަން ފެށީ އުމުރުން އެންމެ 15 އަހަރުގައެވެ. އޭނާ ދިރިއުޅުނު ސަރަހައްދުގެ މިސްކިތެއްގައި ގިނަ ދުވަސްތަކެއް ވަންދެން ބަންގި ގޮވުމުގައި ހިދުމަތް ކުރެއްވުމަށްފަހު، މައްކާގެ މަސްޖިދުލް ހަރަމްގެ މުދިމެއްގެ ގޮތުގައި އޭނާ ރަސްމީކޮށް ހަމަޖެއްސީ 2017 އާއި 2018 އާ ދެމެދުގައެވެ.

ހަރަމްފުޅުގެ މުދިމެއްގެ މަގާމުގައި ހުންނަވައިގެން، އޭނާ ވަނީ ރީތި އަދި އަސަރުގަދަ އަޑަކުން ބަންގި ގޮވައި، ހަރަމްފުޅަށް ޒިޔާރަތްކުރާ އެތައް މިލިއަން އަޅުވެރިންނާއި ދުނިޔޭގެ މުސްލިމުންގެ ހިތްތަކުން ހާއްސަ ލޯތްބަކާއި ގަދަރެއް ހޯދާފައެވެ. އޭނާގެ އަޑަކީ ފާއިތުވި އަހަރުތަކުގައި ހަރަމްފުޅުގެ ލައިވް ބްރޯޑްކާސްޓްތަކުން އެންމެ ގިނައިން އިވިގެންދިޔަ އެއް އަޑެވެ.

ޝެއިހް އިބްރާހިމްގެ މައްޗަށް ކުރެވޭ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ އަސްރު ނަމާދަށްފަހު މަސްޖިދުލް ހަރަމްގައެވެ. އަދި އޭނާގެ ހަށިގަނޑު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ މައްކާގެ ތާރީހީ ގަބުރުސްތާނެއް ކަމަށްވާ އަލް މުއައްލާ ގަބުރުސްތާނުގައެވެ.