ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖް ހަލީފާ އާއި ދުބާއީ މޯލް ފަދަ ބިޔަ މަޝްރޫއުތައް ހިންގި އިމާރް ކުންފުނީގެ ބައިވެރިވުމާއެކު، ރަސްމާލޭގައި ވޯޓަފްރަންޓް މެރީނާއެއް ތަރައްގީކޮށް ހިންގުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ ތާރީހީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އަބޫދާބީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރެވެ.

މި މަޝްރޫއަކީ ރާއްޖޭގެ މުޅި އިގްތިސާދާ އަޅާބަލާއިރު އާދަޔާހިލާފު ބޮޑު އިންވެސްޓްމަންޓެކެވެ. ރާއްޖޭގެ ޖުމްލަ ޖީޑީޕީ އުޅެނީ ގާތްގަނޑަކަށް 8 ބިލިއަން ޑޮލަރުގައި ކަމަށްވާއިރު، ރަސްމާލޭގައި ހިންގާ މި މަޝްރޫއުގެ ޖުމްލަ އަގު ރާއްޖޭގެ ޖީޑީޕީއަށްވުރެ ދެ ގުނައަށްވުރެ ބޮޑެވެ. މި މަޝްރޫއު ހަވާލުކުރި އީގަލް ހިލްސްއަކީ ދުނިޔޭގެ 18 އަށްވުރެ ގިނަ ގައުމުގައި އިންވެސްޓްކޮށްފައިވާ، އަދި 45 ހޮޓަލުގެ ޕޯޓްފޯލިއޯއެއް އޮތް ބައިނަލްއަގުވާމީ ފެންވަރުގެ މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުންޏެކެވެ.

ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމާއި ޒަމާނީ މެރީނާއެއް ހިމެނޭހެން ފަރުމާކޮށްފައިވާ މި މަޝްރޫއުގައި މަތީ ފަންތީގެ ބްރޭންޑެޑް ރެސިޑެންސްތަކާއި ވޯޓަފްރަންޓް މުނިފޫހިފިލުވުމުގެ ތަފާތު ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވިޔަފާރިއާއި، ކެއިންބުއިމާއި، ދުޅަހެޔޮކަމާއި، ތައުލީމާއި ސިއްހީ ހިދުމަތްތައް ފަދަ އިޖުތިމާއީ ހުރިހާ ބޭނުންތަކެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތަށް މި ސަރަހައްދު ތަރައްގީކުރާނެ ކަމަށް ދެފަރާތް ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ހައުސިން މިނިސްޓްރީ އާއި އީގަލް ހިލްސްއިން ބުނި ގޮތުގައި، މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ބިންތަކާއި އިމާރާތްތައް ވިއްކުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން 99 އަހަރާ ހަމައަށް ދިގު މުއްދަތުގެ ލީސްހޯލްޑް އުސޫލުންނެވެ. މިގޮތުން ވިއްކުމުގެ މުއާމަލާތަކުން ނުވަތަ ވާރުތަވުމުގެ ތެރެއިން މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އަލުން 99 އަހަރުގެ ލީސްހޯލްޑް މުއްދަތެއް ފެށޭނެ ކަމަށާއި، މިއީ އިންވެސްޓަރުންނަށް ޖީލުތަކަކަށް ދެމިގެންދާނެ މާލީ އަދި ގާނޫނީ ރައްކާތެރިކަމެއް ކަށަވަރުކޮށްދޭނެ ކަމެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ބިޔަ މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ރަސްމާލޭން މިހާރު ހިއްކާފައިވާ 500 ހެކްޓަރުގެ ސަރަހައްދުގައެވެ. ނަމަވެސް، މި އެއްބަސްވުމުގެ ސަބަބުން ރަސްމާލެއިން ދިވެހި ރައްޔިތުންނަށް ދޫކުރުމަށް ކުރިން އިއުލާންކޮށްފައިވާ ގޯއްޗާއި ފްލެޓުގެ އަދަދުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ހައުސިން މިނިސްޓްރީން ވަނީ ދީފައެވެ.