އެ ކުއްޖަކު އުފަންވާ ރަށަކަށް ނުވަތަ ހާލަތަކަށް ބެލުމެއް ނެތި، ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށްވެސް އެއް ފެންވަރެއްގެ ސިއްހީ ފަރުވާއެއް ލިބެންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ "ނިއޯކެއަރ 2026 - ދަ މޯލްޑިވްސް ކޮންފަރެންސް އޮން ނިއޯނޭޓަލް ކެއަރ އެކްސެލެންސް" ފެށުމުގެ ގޮތުން މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވަނީ، އަލަށް އުފަންވާ އަދި ދުވަސްނުފުރާ ވިހާ ތުއްތު ކުދިންނަށް ދެވޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސިއްހީ ދާއިރާގެ ފަންނީ މީހުން ތަމްރީނުކުރުމަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސިއްހީ ދާއިރާގެ ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކު، އެ ވަސީލަތްތައް އެންމެ ފުރިހަމައަށް ބޭނުންކުރާނެ ހުނަރުވެރި މީހުން ބިނާކުރުމަށްވެސް އެއާ އެއްވަރަށް އިންވެސްޓްކުރަންޖެހޭނެ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
ނިއޯނޭޓަލް ކެއާގެ ހިދުމަތް ރަނގަޅުކުރުމުގައި ޒަމާނީ އާލާތްތައް މުހިންމު ނަމަވެސް، އެންމެ ބޮޑު ދައުރެއް އަދާކުރަނީ ހުނަރުވެރި ހިދުމަތްތެރިން ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެގޮތުން މެޝިނަކަށް ކުއްޖާގެ ހިތުގެ ވިންދު ބަލައިލެވުނު ނަމަވެސް، އެ ވިންދުން ދޭހަވާ މާނަ ދެނެގަނެވޭނީ ތަމްރީނު ލިބިފައިވާ ފަންނީ ބޭފުޅަކަށް ކަމަށާއި، މިފަދަ ވަސީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފޭނީ ރަނގަޅު ނިންމުންތަކާއި އޯގާތެރިކަމާއެކު ދެވޭ ފަރުވާއިން ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް މެދުކެނޑުމެއް ނެތި ތަމްރީނު ދިނުމާއި، ހާއްސަ ތައުލީމާއި ކުރިއެރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަންވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސިއްހީ ނިންމުންތައް ނިންމުމުގައި ރާއްޖެއާ ގުޅޭ ދިރާސާތަކާއި ޑޭޓާގެ ބޭނުން ހިފުމުގެ މުހިންމުކަމަށްވެސް އެކަމަނާ ވަނީ އަލިއަޅުވާލައްވާފައެވެ.
އާއިލާތަކަށް އިސްކަންދީގެން ދެވޭ ފަރުވާގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ހާއްސަ ފަރުވާ ހޯދާ ކޮންމެ ތުއްތު ކުއްޖެއްގެ ފަހަތުގައި އެހީތެރިކަމާއި އޯގާތެރިކަމަށް ބޭނުންވެފައިވާ އާއިލާއެއް އޮންނާނެ ކަމަށެވެ. އަދި ސިއްހީ ހިދުމަތަކީ ހަމައެކަނި ބަލިމީހުންނަށް ފަރުވާ ދިނުން ނޫން ކަމަށާއި، އެއީ އިންސާނިއްޔަތުކަމާއެކު އަޅާލައި އޯގާތެރިވުން ކަމަށް ވިދާޅުވެ، މި ދާއިރާގައި މަސައްކަތްކުރާ ހިދުމަތްތެރިންގެ މަސައްކަތަށް އެކަމަނާ ވަނީ ތައުރީފުކުރައްވާފައެވެ.
