ރައީސް ބައިޑެންގެ ބިލްޑް ބެކް ބެޓަރ އެޖެންޑާގެ ދަށުން ހަރަދުތައް ކުޑަކޮށް ހިދުމަތް ފޯރުކޮށްދިނުން ފުޅާކުރުމުގެ މަސައްކަތްތައް ދާގޮތް ބެލާ މަޝްވަރާކުރުމަށްޓަކައި ނައިބު ރައިސާ ކަމަލާ ހެރިސް އިއްޔެ ވޮޝިންގްޓަން ޑީސީގެ ކޮމިއުނިޓީ ހެލްތް ސެންޓަރަކަށް ޒިޔާރަތްކުރިއެވެ. 

މިޒިޔާރަތުގެ އެކި މަންޒަރުތައް އެކަމަނާގެ އިންސްޓަރގްރާމް އެކައުޓުގައި ހިއްސާކުރަމުން، އެކަމަނާ ޝައުގުވެރިވެ އަލަށް ދަސްވިކަމެއްކަމުގައި ފާހަގަކުރެއްވީ ލޭމައްޗަށް ދިނުން ނުވަތަ ހައިޕަރ ޓެންޝަންގެ ކަންކަން ބެލެހެއްޓުމާ ގުޅިގެން އެސެންޓަރުން ފޯރުކޮށްދެމުންދާ މައުލޫމާތުތަކުގެ ތެރެއިން ލޭގެ ޕްރެޝަރު ބެލުމުގައި ވިސްނަންވީ ހަތް ކަމުގެ މައްޗަށް އެކުލަވާލާފައިވާ ޕޯސްޓަރެކެވެ. 

އެސެންޓަރުގެ މުވައްޒަފެއް ނައިބު ރައިސާއަށް ކިޔާދިންގޮތުން އަތްމަތި ދަތި ވުމަކީ ސިއްޙީ ފަރުވާ ލިބުމުގައި ދަތިތަކާއި ތަފާތުކުރުމާއި ކުރިމަތިލާންޖެހޭ ކަމެއްކަމުގައި ފާހަގަވެއެވެ. ހާއްސަކޮށް ކަޅު ނަސްލުގެ މީހުންގެ މެދުގައި މިމައްސަލަ ވަކިން ބޮޑުކަމަށް ފާހަކުރިއެވެ. އެގޮތުން އެސެންޓަރުގެ އަމާޒަކީ މުޖުތަމައުގެ އެންމެނަށް އަބަދުވެސް ސިއްހީ ހިދުމަތް ލިބޭނެ މަގުފަހިކޮށްދިނުމެވެ. އެގޮތުން ގޭގައި ތިބެ ލޭގެ ޕްރެޝަރު ބެލުމުގައި ރަނގަޅު ޕްރެޝަރު ދެނެގަތުމަށް ސަމާލުވާންޖެހޭ ކަންކަމަކީ އެސެންޓަރުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި ފޯރުކޮށްދޭ މައުލޫމާތެވެ. މިއީ ކުރިން އެނގިފައިނެތް މައުލޫމާތުތަކެއް ކަމަށް ވިދާޅުވެ ނައިބު ރައިސާ ހެރިސް މި މައުލޫމާތަށް ވަރަށް ޝައުގުވެރިވެ، އެކަމަނާގެ އިންސްޓަރގްރާމް ސްޓޯރީގައި މި މައުލޫމާތު ހިއްސާކޮށްފައިވެއެވެ. 
އެގޮތުން ޕްރެޝަރު ބެލުމުގައި ރަނގަޅު ޕްރެޝަރު ދެނެގަތުމަށް ސަމާލުވާންޖެހޭ 7 ކަމަކީ
-    ޕްރޭޝަރު ބެލުމަށް ބޭނުންކުރެވޭ ކަފް ނުވަތަ އަތުގައި އަޅާ ބޭންޑަކީ ރަގަޅު ސައިޒުކަން ޔަގީންކުރުން. ރަގަޅު ސައިޒު ނޫންނަމަ ޕްރެޝަރަށް 2 – 10 މމ އެޗް ޖީ ގެ އިތުރުވުމެއް ދައްކައެވެ. 
-    ކަޕް އަތުގައި އަޅާއިރު ހެދުން މަތިން ނޭޅުން – ހެދުންމަތިން އަޅާނަމަ ޕްރެޝަރަށް 5 – 50 މމ އެޗް ޖީ ގެ އިތުރުވުމެއް ދައްކައެވެ. 
-    ޕްރެޝަރު ބަލާއިރު ހިތާ އެއް އުސްމިނެއްގައި އަތް މޭޒެއްފަދަތަނެއް މަތީ ބޭއްވުން – މިފަދައިން ކަންނުކޮށްފިނަމަ ޕްރެޝަރަށް 10 މމ އެޗް ޖީ ގެ އިތުރުވުމެއް ދައްކައެވެ. 
-    ޕްރެޝަރު ބަލަން އިށީންދެ އިންނައިރު ފައި ހުރަސްކޮށްގެން ނުއިނުން – ފައި ހުރަސްކޮށްގެން އިންނަނަމަ ޕްރެޝަރަށް 2 – 8 މމ އެޗް ޖީ ގެ އިތުރުވުމެއް ދައްކައެވެ. 
-    ޕްރެޝަރު ބަލަން އިންނައިރު ބުރަކަށި ރަގަޅަށް ގޮނޑީގައި ޖައްސައި، ދެ ފައި ރަގަޅަށް ބިންމަތީ ޖައްސާ ތެދަށް އިށީންދެއިނުން - މިފަދައިން ކަންނުކޮށްފިނަމަ ޕްރެޝަރަށް 6 މމ އެޗް ޖީ ގެ އިތުރުވުމެއް ދައްކައެވެ. 
-    ޕްރެޝަރު ބެލުމުގެ ކުރިން ކުޑަކަމުގޮސް ރަގަޅަށް މަނާސާ (ބްލެޑަރ) ހުސްކުރުން – މަނާސާ ފުރިފައިވާނަމަ  ޕްރެޝަރަށް 10 މމ އެޗް ޖީ ގެ އިތުރުވުމެއް ދައްކައެވެ.
-    ޕްރެޝަރު ބަލާ ވަގުތު ވާހަކަ ނުދެއްކުން – ވާހަކަ ދައްކާ ހަރަކާތްކޮށް ހަދާނަމަ ޕްރެޝަރަށް 10 މމ އެޗް ޖީ ގެ އިތުރުވުމެއް ދައްކައެވެ.