ދީނީ އަދި އިލްމީ ފޮތްތަކަށް އާންމުން އަހުލުވެރިކުރުވުމުގެ މަގުސަދުގައި އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ ހާއްސަ ފޮތް މައުރަޒު "މައުރިފާ 2026" އަންނަ އޮކްޓޫބަރު މަހުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖައްސައިފިއެވެ. މި މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 1 އިން 3 އަށް، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މި މައުރަޒު ކުރިއަށްދާނީ ކަނޑައެޅިފައިވާ އެ ތިން ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. މި ވަގުތުތަކުގައި މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެކި ބާވަތުގެ އިލްމީ އަދި ދީނީ މުހިންމު ފޮތްތައް ބަލައިލުމާއި ބައްލަވައިގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި މައުރަޒު ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ދީނީ މައުލޫމާތު މުއްސަނދިކޮށް، ފޮތް ކިޔުމުގެ ސަގާފަތެއް މުޖުތަމައުގައި އަށަގެންނެވުމެވެ. މީގެ އިތުރުން ރާއްޖޭގައި ފޮތް ލިޔާ ފަރާތްތަކަށާއި، ފޮތް ޗާޕުކޮށް ޝާއިއުކުރާ އަދި ވިއްކާ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށް ހާއްސަ ޕްލެޓްފޯމެއް ހޯދައިދިނުމަކީވެސް މި މައުރަޒުގެ މުހިންމު އަމާޒެކެވެ.
ހަމައެއާއެކު، ފޮތް ބައްލަވައިގަންނަން ބޭނުންވާ އާންމު ރައްޔިތުންނަށް އެއް ތަނަކުން، އެކަށީގެންވާ އަގުހެޔޮ ރޭޓެއްގައި ތަފާތު ދާއިރާތަކުގެ ފޮތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީވެސް މި އިވެންޓުގެ ސަބަބުން ފަހިވެގެންދާނެ ފުރުސަތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ފާހަގަކުރެއެވެ.
މި މައުރަޒުގައި ބައިވެރިވެ ފޮތް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. މިގޮތުން މައުރަޒުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން، ކަނޑައެޅިފައިވާ އޮންލައިން ފޯމު މެދުވެރިކޮށް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.
