ރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ "ކައްޗަލަ" އެއް އަހަރު ދުވަހުގެ މުއްދަތަކަށް ރާއްޖެއިން ބޭރުކުރެވޭނެ މިންވަރާއި ހަމަތައް ކަނޑައަޅައި، އެ ތަކެތި އެކްސްޕޯޓްކުރުމުގެ ކޯޓާ 7 ފަރާތަކަށް ދޫކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މި ކޯޓާ ދޫކޮށްފައިވަނީ ކެޔޮޅު ޕޯޓަލް މެދުވެރިކޮށް ޕްރޮސެސިންގ ލައިސަންސަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވި ކުންފުނިތަކަށް ކަމަށެވެ.

ކައްޗަލަ (އެމްބަރފިޝް) އަކީ އޭގެ އާބާދީ ދަށްވަމުންދާތީ، 2022 ވަނަ އަހަރު ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަޑް ސްޕީޝީޒް (ސައިޓީސް) ގެ ޖަދުވަލު 2 ގައި ހިމަނައިގެން ހާއްސަ ހިމާޔަތެއް ދީފައިވާ ބާވަތެކެވެ. ސައިޓީސްގެ މި ޖަދުވަލުގައި ހިމެނޭ ބާވަތްތައް ބައިނަލްއަގުވާމީ ބާޒާރަށް އެކްސްޕޯޓްކުރެވެނީ، އެ ގައުމެއްގެ ކަމާބެހޭ އިދާރާތަކުން ދޭ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

މި ބާވަތް ރާއްޖެއިން އެކްސްޕޯޓްކުރުމުގެ ހުއްދަ ދެނީ، ރާއްޖޭގެ ސައިންޓިފިކް އޮތޯރިޓީ ކަމަށްވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން ތައްޔާރުކުރި "ނޮން-ޑެޓްރިމެންޓަލް ފައިންޑިންގ" (އެންޑީއެފް) ދިރާސާއަށް ބިނާކޮށެވެ. މި ދިރާސާއިން ކަށަވަރުކޮށްދެނީ، އެ ބާވަތް މާހައުލުން ނަގައިގެން ބޭރުކުރަނީ އާބާދީއަށް ގެއްލުން ނުވާނެހެން ދެމެހެއްޓެނިވި އުސޫލަކުން ކަމެވެ.

އެމްއެމްއާރްއައިގެ މި ދިރާސާގެ އަލީގައި، އެއް އަހަރު ދުވަހުގެ މުއްދަތަށް ރާއްޖެއިން އެކްސްޕޯޓްކުރުމަށް ކަނޑައަޅާފައިވަނީ ހިއްކާފައިވާ ކައްޗަލަގެ 10.95 ޓަނެވެ. އެހެންކަމުން މިއަދުން ފެށިގެން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، ސައިޓީސްގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ދޫކުރާނީ މި ކަނޑައެޅުނު 10.95 ޓަނުގެ މިންވަރަށް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި އުސޫލުގެ ދަށުން ކައްޗަލަ އެކްސްޕޯޓްކުރުމުގެ ކޯޓާ ލިބުނު 7 ކުންފުންޏަކީ އޯޝަން ޓައިޑްސް އިންޓަނޭޝަނަލް، އެސްއެމް އިންވެސްޓްމަންޓް، މަލަކް އިންވެސްޓްމަންޓް، ވިލިނގިލި ފިޝް ވިލެޖް، ސްކައި ގޯ އިންޓަނޭޝަނަލް، ފޭމްސް ގްރޫޕް އޮފް އިންޑަސްޓްރީ އަދި ޓްރޭޑް ބްރިޖް ޕްރައިވެޓް އިންވެސްޓްމަންޓެވެ.