ޖަލުތަކުގައި ބަންދުކުރެވިފައިވާ ފަރާތްތަކުގެ އިންސާނީ ކަރާމާތް ދަމަހައްޓައި، އެ ފަރާތްތަކުގެ އިންސާނީ ހައްގުތައް ނުގެއްލޭ ގޮތަށް ހިދުމަތް ދިނުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަހްމަދު ފަސީހު އެދިވަޑައިގެންފިއެވެ. އޭނާ މިކަމަށް އެދިވަޑައިގަތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކުރިއަށް ގެންދިޔަ "އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް" ގެ ތިންވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވީ، ކަރެކްޝަންސްގެ އޮފިސަރުން ވަޒީފާ އަދާކުރަނީ ވަރަށް ކުޑަ ބަޖެޓަކާއި މަދު ވަސީލަތްތަކަކާއެކު ނަމަވެސް، އެ ބޭފުޅުން ކުރައްވަނީ ނުހަނު ބުރަ އަދި ޒިންމާދާރު މަސައްކަތްތަކެއް ކަމަށެވެ. އަދި އަލަށް ގުޅުނު އޮފިސަރުންނަށް މަރުހަބާ ދަންނަވަމުން، الله ގަންދީ ކޮށްފައިވާ ހުވާގެ މަތީގައި ދެމިތިބެ، ޔުނީފޯމުގައި ހުރެ އެއްވެސް ގޯސް އަމަލެއް ނުހިންގުމަށް އޭނާ ހަނދާންކޮށްދެއްވިއެވެ.
ގައުމީ ވާޖިބު އަދާކުރުމުގައި އިހްލާސްތެރިކަމާއި ތެދުވެރިކަން ކުރިއަށް ނެރުމުގެ މުހިންމުކަން ފާހަގަކުރައްވައި ފަސީހު ވިދާޅުވީ، ބަންދުކޮށްފައި ތިބޭ މީހުންނާ މެދު އޯގާތެރިކަމާއެކު ކަންކަން ކުރުމަކީ ކޮންމެ އޮފިސަރެއްގެވެސް ޒިންމާއެއް ކަމަށެވެ. މީގެ އިތުރުން ކުރީގެ ނެޝަނަލް ސެކިއުރިޓީ ސާވިސް (އެންއެސްއެސް) ގައި މަސައްކަތް ކުރެއްވި ދުވަސްވަރުން ފެށިގެން ޖަލުތަކުގެ ހާލަތު އޮތް ގޮތާއި، ތަމްރީނު ލިބިފައިވާ އޮފިސަރުންނާއެކު މިހާރު ޖަލުތަކުގެ ކަންކަމަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ މައްޗަށް އޭނާގެ ވާހަކައިގައި އަލިއަޅުވާލެއްވިއެވެ.
މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހިންގި މި ތަމްރީނު ޕްރޮގްރާމަކީ ކަރެކްޝަނަލް ސާވިސްއާ އަލަށް ގުޅޭ މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭއްވި އަސާސީ ޕްރޮގްރާމެކެވެ. މި ތަމްރީނުގެ މައިގަނޑު މަގުސަދަކީ ޖަލު އޮފިސަރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި، ގާނޫނީ ވާޖިބުތަކުގެ އިތުރުން އެ މަސައްކަތަށް ބޭނުންވާ އަސާސީ ހުނަރުތައް އޮފިސަރުންނަށް އުނގަންނައިދިނުމެވެ.
މި ފަހަރުގެ ބެޗުން 10 އޮފިސަރަކު ވަނީ ތަމްރީނު ކާމިޔާބުކަމާއެކު ފުރިހަމަކޮށް، ވަޒީފާގެ އަމަލީ މައިދާނާ ގުޅިފައެވެ. ކަރެކްޝަންސް އޮފީހުން ބުނީ، އޮފިސަރުންގެ ހުނަރު އިތުރަށް ތަރައްގީކުރުމަށްޓަކައި އަސާސީ ތަމްރީނުގެ އިތުރުން ސެޓްފިކެޓް ފެންވަރުގެ ކަރެކްޝަނަލް އަދި ކަސްޓޯޑިއަލް މެނޭޖްމަންޓް ޕްރޮގްރާމްތައްވެސް ސިލްސިލާކޮށް ކުރިއަށް ގެންދާ ކަމަށެވެ.
