ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްގެ ކޮއްކޯފުޅު ޝައިހް އަހްމަދު ބިން ރާޝިދު އަލް މަހްތޫމް އަވަހާރަވުމާ ގުޅިގެން، ދުބާއީގައި ރަސްމީކޮށް ހިތާމަފާޅުކުރުމުގެ 10 ދުވަސް އިއުލާންކޮށްފިއެވެ. އުމުރުފުޅުން 76 އަހަރުގައި ޝައިހް އަހްމަދު އަވަހާރަވީ ހޯމަ ދުވަހު ކަމަށް އެ ގައުމުގެ ރަސްމީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ދުބާއީ ސަރުކާރުން ނިންމާފައިވަނީ، ހިތާމަފާޅުކުރުމުގެ މުއްދަތުގައި ދުބާއީގެ ހުރިހާ ސަރުކާރު އިދާރާތަކާއި ރަސްމީ އިމާރާތްތަކުގައި ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށެވެ. މިއީ ގައުމަށް ދިގު މުއްދަތަކަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި އިއްޒަތްތެރި ލީޑަރެއްގެ ވަކިވެދިއުމުގެ ހިތާމައިގައި ނިންމި ނިންމުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޝައިހް އަހްމަދު އަވަހާރަވުމާ ގުޅިގެން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝައިހް މުހައްމަދު ބިން ޒާއިދު އަލް ނަހްޔާން ވަނީ ދުބާއީގެ ވެރިޔާއަށާއި ޝާހީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. ޔޫއޭއީގެ ރައީސްގެ މެސެޖުގައި، އެ ގައުމުގެ ތަރައްގީއަށާއި ކުރިއެރުމަށް ޝައިހް އަހްމަދު ކޮށްދެއްވި ދިގު މުއްދަތުގެ އަގުހުރި ހިދުމަތްތައް ފާހަގަކުރައްވައި ތައުރީފުކުރެއްވިއެވެ.

ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްވެސް ވަނީ އެމަނިކުފާނުގެ ލޯބިވާ ކޮއްކޯފުޅު އަވަހާރަވުމުގެ ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން މެސެޖެއް ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ކޮއްކޯފުޅު ލޮލުގެ ކުރިމަތިން ގެއްލި ވަކިވެދިޔަ ނަމަވެސް، ހިތްތަކުންނާއި ކުރާ ހެޔޮ ދުއާތަކުން ދުވަހަކުވެސް ވަކިވެގެން ނުދާނެ ކަމަށެވެ.

ޝައިހް އަހްމަދު ބިން ރާޝިދު އަލް މަހްތޫމަކީ ޔޫއޭއީ އާއި ދުބާއީގެ ތަރައްގީގެ އެކި މަރުހަލާތަކުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން ޔޫއޭއީގެ އިސް ވެރިންނާއި އާންމު ރައްޔިތުން ދަނީ އެމަނިކުފާނުގެ ފުރާނަފުޅަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާކޮށް، އާއިލާއަށް ހިތްވަރު ދެމުންނެވެ.