ތާލިބާނުން އަފްޣާނިސްތާނުގެ ސަރުކާރަށް ނުފޫޒު ފޯރުވައި، އެ ގައުމުގައި ފުރިހަމަ އިސްލާމީ ޝަރީއަތެއް ގާއިމް ކޮށްފިނަމަ ޖަރުމަނުން ދެމުން ގެންދާ މާލީ އެހީތެރިކަން ކަނޑާލާނެ ކަމަށް އެގައުމުގެ ފޮރިން މިނިސްޓަރ ހެއިކޯ މާސް ވިދާޅުވެއްޖެއެވެ.

މާސް ވިދާޅުވީ އަފްޣާނިސްތާނުގައި އިސްލާމީ ޝަރީއަތް ތައާރަފު ކޮށްފިނަމަ އެ ގައުމަށް ދެމުންދާ އެހީތެރިކަން ކަނޑާލާން ޖެހޭނެކަމަށެވެ. މިހާރު ކޮންމެ އަހަރަކު ޖަރުމަންވިލާތުން އެހީގެ ގޮތުގައި އަފްޣާނިސްތާނަށް 505 މިލިއަން ޑޮލަރު ދެމުން ގެންދާ ކަމަށާއި، ތާލިބާނުން އަފްޣާނިސްތާނުގެ މައްޗަށް ނުފޫޒު ފޯރުވައި، އިސްލާމީ ޝަރީއާ ގާއިމްކޮށްފިނަމަ އެ އެހީވެސް ކަނޑާލަން ޖެހޭނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަފްޣާނިސްތާނުގެ މައްޗަށް ގަދަވެގަންނަން މަސައްކަތް ކުރަމުން އަންނަ ތާލިބާނުންގެ އަސްކަރީ ގުރޫޕުތަކާއި ދެކޮޅަށް އަފްޣާނިސްތާނުގެ ސަރުކާރުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިހާތަނަށް އަފްޣާނިސްތާނުގެ ނުވަ ސަރަހައްދު ތާލިބާނުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވާއިރު، ކުރިޔަށް އޮތް 90 ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްދާނެކަމަށް އެމެރިކާއިން ލަފާކޮށްފައިވެއެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިހާދު، ނޭޓޯގެ ފައުޖުތައް 20 އަހަރުދުވަހަށްފަހު އެ ގައުމުން ފައިބަމުންދާ ދަނޑިވަޅެއްގައި އެ ގައުމުގެ އެކި ސަރަހައްދުތަކަށް ތާލިބާނުން ދެމުންދާ ހަމަލާތައްވަނީ އިތުރުކޮށް ވަރުގަދަކޮށްފައެވެ. އދ. އިން ބުނެފައިވާ ގޮތުގައި ތާލިބާނުންގެ ހަމަލާތަކުގައި ފާއިތުވި މަސްދުވަހުގެ ތެރޭގައި 1،000 މީހުންވަނީ މަރުވެފައި ކަމަށެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން، ޖަރުމަނުން މިދިން އިންޒާރަކީ އިސްލާމްދީނާއި ދެކޮޅަށް ދިން އިންޒާރެއް ނޫން ކަމަށާއި ނަމަވެސް އެއީ ހަރުކަށި ފިކުރާއި ދެކޮޅަށް ދިން އިންޒާރެއް ކަމަށެވެ. އެހެން މީޑިއާތަކުން މި ހަބަރު އޮޅުވާލައިގެން ގެނެސްދެމުންދާ ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.