އިންސާނުންގެ ހަށިގަނޑު އަމިއްލައަށް ދޮވެ، ސާފުކޮށްދޭ ހާއްސަ މެޝިނެއް (ވޮޝިން މެޝިނެއް) އުފެއްދުމުގެ މަސައްކަތް ޖަޕާނުން ފަށައިފިއެވެ. މި އާދަޔާހިލާފު އީޖާދަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު ލުޔެއް ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މުހިންމު ޕްރޮޖެކްޓެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މެޝިނުގެ ހިދުމަތް ހޯދުމަށް މީހާ ހަމައެކަނި ޖެހެނީ އޭގެ އެތެރޭގައި ހަމަޖެހިލައިގެން އިށީނދެ އިންނާށެވެ. އެއާއެކު، މެޝިނުގައި ހަރުކޮށްފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ހާއްސަ ސެންސަރުތަކުގެ އެހީގައި، މީހާގެ މުޅި ހަށިގަނޑު ދޮވެ ސާފުކޮށްދީ، މަސާޖުކޮށް، އަދި އެއްކޮށް ހިއްކައިދޭނީ އެންމެ 15 މިނެޓުގެ ތެރޭގައެވެ.

މި މެޝިނުގައި ހިމެނޭ ޒަމާނީ ސެންސަރުތަކުގެ ސަބަބުން، މީހާގެ ހަށިގަނޑުގެ ހޫނުމިނާއި ހަމުގެ ހާލަތު ދެނެގަނެ، އެ މީހަކާ އެންމެ އެކަށޭނަ ގޮތަށް ފެނުގެ ބާރުމިނާއި ހޫނުމިން އަމިއްލައަށް ކޮންޓްރޯލްކޮށްދެއެވެ. މީގެ އިތުރުން ހަށިގަނޑަށް އަރާމު ލިބޭނެހެން މަސާޖުކޮށްދިނުމުގެ ހިދުމަތް ހިމަނާފައިވަނީ، ވަރުބަލިކަން ފިލުވާލައި ހިތްހަމަޖެހުން ހޯދައިދިނުމަށް ކަމަށް އުފެއްދުންތެރިން ބުނެއެވެ.

އިންސާނުން ދޮންނަ މެޝިނެއް އުފެއްދުމުގެ ހިޔާލަކީ މުޅިން އާ ވިސްނުމެއް ނޫނެވެ. މިއީ މީގެ އަހަރުތަކެއް ކުރިން، 1970 ވަނަ އަހަރު ޖަޕާނުގައި ބޭއްވި އެކްސްޕޯއެއްގައި ފުރަތަމަ ފަހަރަށް ތަސައްވުރުކޮށް އާންމުންނަށް ދައްކާލި ކޮންސެޕްޓެކެވެ. ނަމަވެސް، އޭރުގެ ޓެކްނޮލޮޖީ އެ ފެންވަރަށް ތަރައްގީވެފައި ނެތުމުގެ ސަބަބުން އޭރު އެކަން އަމަލީ ގޮތުން ކުރިއަކަށް ނުގެންދެވުނެވެ.

އޭގެ ބައި ގަރުނު ފަހުން، ޒަމާނީ އޭއައި އަދި ރޮބޮޓިކްސްގެ އެހީގައި މި ކޮންސެޕްޓް މިހާރު މިވަނީ ހަގީގަތަކަށް ވާން ފަށާފައެވެ. މިއީ އުމުރުން ދުވަސްވީ މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން ބިޒީ ދިރިއުޅުމެއް އުޅޭ މީހުންނަށްވެސް ބޭނުންތެރި، ބޮޑު އިންގިލާބީ ބަދަލެއް ގެނެސްދޭނެ އީޖާދެއް ކަމަށް ޓެކްނޮލޮޖީ މާހިރުން ގަބޫލުކުރެއެވެ.