މަޝްހޫރު ބުއިން އުފައްދާ ބްރޭންޑެއް ކަމަށްވާ ހާޑް މައުންޓެން ޑިއު އިން، "ބިގްފޫޓް" ހަގީގަތުގައި ވެސް ދުނިޔޭގައި އުޅޭކަން ސާބިތުކޮށްދޭ ފަރާތަކަށް އެއް މިލިއަން ޑޮލަރުގެ އަގުބޮޑު ފައިސާގެ އިނާމެއް ހުށަހަޅައިފިއެވެ.
ނިއުޔޯކް ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، "ބިގްފޫޓް ބައުންޓީ" ގެ ނަމުގައި ކުރިއަށްގެންދާ މި މުބާރާތަކީ މި ދިރުން ހޯދުމަށް ޝައުގުވެރިވާ މީހުންނަށް ހުޅުވާލާފައިވާ ބޮޑު ފުރުސަތެކެވެ.
މި އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި އެތައް ބަޔަކު ބައިވެރިވާނެ ކަމަށް ބެލެވުނު ނަމަވެސް، މި ފައިސާގެ އިނާމު ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. މި އިނާމު ހޯދުމަށްޓަކައި ބައިވެރިންގެ އުމުރުން މަދުވެގެން 21 އަހަރު ފުރިފައިވާން ޖެހޭނެ ކަމަށް އެ ކުންފުނިން ވަނީ ކަނޑައަޅާފައެވެ.
މި މުބާރާތުގެ ބޮޑު އިނާމު ހޯދުމަށް ހުށަހަޅާ ހެކިތަކަކީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ބިގްފޫޓް އުޅޭކަން ސާބިތުކޮށްދޭ ހެކިތަކަކަށް ވާންޖެހޭނެ ކަމަށް ހާޑް މައުންޓެން ޑިއު އިން ބުންޏެވެ. އަދި ހުރިހާ ހެކިތަކެއް ވެސް ހުށަހަޅަން ޖެހެނީ އެ ކުންފުނީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މަކަރާއި ހީލަތް ހެދުމާއި، ފޭކު ފޮޓޯ ނުވަތަ އަސްލެއް ނެތް އެއްޗެހި ހުށަހެޅުން ހުއްޓުވުމަށްޓަކައި އެ ކުންފުނިން ވަނީ ވަރަށް ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން މީހުން ހުށަހަޅާ ހެކިތަކުގެ ސައްހަކަން ކަށަވަރުކޮށް، އިންސާފުކުރާނީ މި ދާއިރާގެ މަޝްހޫރު މާހިރެއް ކަމަށްވާ ބްރައިސް ޖޯންސަން ކަމަށް އެ ކުންފުނިން ބުންޏެވެ.
ބްރައިސް ޖޯންސަން އަކީ ބިގްފޫޓް ހޯދުމަށް ޖަންގަލިތަކަށް ދަތުރުކޮށް، އެކަމާ ގުޅޭގޮތުން އުފައްދާފައިވާ މަގުބޫލު ޑޮކިއުސީރީޒްތައް އުފެއްދުމާއި އޭގައި ހަރަކާތްތެރިވެގެން ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ފަރާތެކެވެ. މިއީ ގިނަ ޒަމާންތަކެއް ވަންދެން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ބިގްފޫޓްގެ ހަގީގަތް ދުނިޔެއަށް ހާމަކޮށްދީ، އެއް މިލިއަން ޑޮލަރުގެ ނަސީބުވެރިޔާއަށް ވުމަށް ލިބުނު ވަރަށް ތަފާތު ފުރުސަތެކެވެ.
