ހިލްޓަން ހޮޓަލުގެ ވާރުތަވެރިޔާ އަދި މަޝްހޫރު ރިއަލިޓީ ތަރި ޕެރިސް ހިލްޓަން އެމެރިކާގެ ރައީސްކަމަށް ވާދަކުރުމަށް ގިނަ ބަޔަކު އޭނާގެ ކިބައިން އެދެމުންދާ ކަމަށް ހާމަކޮށްފިއެވެ.
ދަ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ޒުވާން އުމުރުގެ ހިތްދަތި ތަޖުރިބާތަކާއި، ސިޔާސީ ކެމްޕޭންތަކުގެ އިތުރުން މީހުން އޭނާގެ ގާބިލުކަން އަބަދުވެސް ވަޒަންކުރި ގޮތުގެ ވާހަކަތައް ހިއްސާކޮށްފައެވެ.
ޕެރިސް ހާމަކުރި ގޮތުގައި، އޭނާ މަގުބޫލުކަން ހޯދި މަޝްހޫރު ޓީވީ ސިލްސިލާ "ދަ ސިމްޕަލް ލައިފް" ގައި އޭނާ ފެނިގެންދިޔައީ އޭނާގެ އަސްލު މިޒާޖަކާ އެއްގޮތަކަށް ނޫނެވެ. އެ ޝޯގެ ޕްރޮޑިއުސަރުން އޭނާއަށް އިރުޝާދު ދިނީ ސިކުނޑިއެއް ނެތް، ގަމާރު ކުއްޖެއްގެ ކެރެކްޓާ ދައްކުވައިދިނުމަށެވެ. ނަމަވެސް، މުޅި ދުނިޔެ ގަބޫލުކުރީ އެއީ އޭނާގެ އަސްލު ސިފަ ކަމުގައެވެ.
އޭނާގެ ޓީނޭޖް އުމުރުގައި ކުރިމަތިވި ހިތްދަތި ކަންތައްތަކާ ގުޅިގެން، މިފަދަ ރޯލެއް ކުޅެވުނީ އަމިއްލަ ނަފުސު ހިމާޔަތްކުރުމަށް އެޅި މާސްކެއް ނުވަތަ އައްޑަނައެއްގެ ގޮތުގައި ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި އެއީ އަމިއްލަ ދިފާއުގައި ކުރެވުނު ކަމެއްކަން އޭނާއަށް އަމިއްލައަށް އިހުސާސްކުރެވުނީ ވެސް މާ ފަހުން ކަމަށް ޕެރިސް ބުންޏެވެ.
އިންޓަވިއުގައި ވާހަކަދައްކަމުން ޕެރިސް ބުނީ، އޭނާގެ އެ ކެރެކްޓާގެ ސަބަބުން މީހުން އަބަދުވެސް އޭނާގެ އަގު ވަޒަންކުރީ ވަރަށް ކުޑަކޮށް ކަމަށެވެ. "ދަ ސިމްޕަލް ލައިފްގެ ޕްރޮޑިއުސަރުން އަހަރެން ކައިރީ ބުނީ އެއާހެޑް ރޯލެއް ކުޅެން. ދުނިޔެ ހީކުރީ އެއީ އަހަރެންގެ އަސްލު ކަމަށް،" ކަމަށް އޭނާ ފާހަގަކުރިއެވެ.
މަޝްހޫރު ވިޔަފާރިވެރިއެއްގެ ގޮތުގައިވެސް ފާހަގަކޮށްލެވޭ ޕެރިސް ހިލްޓަން ބުނި ގޮތުގައި، އޭނާގެ މާޒީގައި ހިނގާދިޔަ ކަންކަމާއި މީހުން އޭނާގެ ގާބިލުކަން ކުޑަކޮށް ދެކުނު ނަމަވެސް، މިއަދު އޭނާ އެމެރިކާގެ ވެރިކަމަށް ވާދަކުރުމަށް އެދޭ މީހުން ތިބިކަމީ އޭނާއަށް ލިބޭ ބޮޑު ސަމާލުކަމެކެވެ. މި ވާހަކަތަކާއެކު އޭނާގެ ހަގީގީ މިޒާޖާއި ދިރިއުޅުމުގެ ގޮންޖެހުންތަކުގެ ހަގީގަތް މިހާރު ވަނީ އާންމުންނަށް ސާފުވެގެން ގޮސްފައެވެ.
