ކޮފީ ބުއިމުން ނިދިއަންނަން އުނދަގޫ ނުވި ކަމުގައި ވިޔަސް، އަދި ރޭގަނޑު ހަމަނިދި އަދާކުރެވުނު ކަމަށް އިހުސާސް ކުރެވުނު ނަމަވެސް، ކެފެއިންގެ ސަބަބުން ނިދީގެ އަސްލު ފެންވަރު ދަށްކޮށްލާކަން އާ ދިރާސާއަކުން ދައްކައިފިއެވެ. ޕޮލަންޑުގެ ވްރޮޓްސްލާވް މެޑިކަލް ޔުނިވަސިޓީއިން ހެދި މި ދިރާސާއިން އެނގުނު ގޮތުގައި، ކެފެއިން ބޭނުންކުރުމުން ހަށިގަނޑަށް ލިބެންޖެހޭ އަރާމާއި އާރޯކަން ލިބޭ މިންވަރު ކުޑަވެގެންދެއެވެ.

އީ.އީ.ޖީ ރެކޯޑިންގްސްތަކުން ދައްކާ ގޮތުގައި، ކެފެއިން ބޭނުންކުރުމުން ނިދީގެ އެންމެ ފުން މަރުހަލާގައި ސިކުނޑިން އުފައްދާ "ސްލޯ ބްރެއިން ވޭވްސް" ނުވަތަ މަޑުމައިތިރި ސިގުނަލްތައް މަދުވެގެންދެއެވެ. މިއީ ހަށިގަނޑާއި ސިކުނޑި ފުރިހަމައަށް އަރާމުކޮށް، ދުވަހުގެ ވަރުބަލިކަން ފިލުވައިދިނުމަށް އެންމެ މުހިންމު ސިގުނަލްތަކެވެ. އަދި އޭގެ ސަބަބުން އެނދުގައި 8 ގަޑިއިރު ހޭދަކުރި ނަމަވެސް، ހޭލެވޭއިރު ވަރުބަލިކަން ނުފިލާ ހުންނަގޮތް ދިމާވެއެވެ.

ކެފެއިންގެ އަސަރު ހަށިގަނޑަށް ކުރާ މިންވަރު ކޮންމެ މީހެއްގެ މެދުގައިވެސް ވަރަށް ތަފާތެވެ. އެހެންކަމުން، ބައެއް މީހުންނަށް ދުވާލުގެ ކުރީކޮޅު ކޮފީއެއް ބުއި ކަމުގައި ވިޔަސް، އޭގެ ނޭދެވޭ އަސަރު ރޭގަނޑުގެ ނިދީގެ އަރާމަށް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ކެފެއިންއަށް ހަށިގަނޑު ނާޒުކު މީހުން ހާއްސަކޮށް ސަމާލުވާންޖެހޭ ކަމެކެވެ.

އެހެންކަމުން، ނިދުމުގެ މައްސަލަތަކުން ދުރުވުމަށާއި ގަދައަށް ނިދުމަށްޓަކައި، ހަމައެކަނި ރޭގަނޑު ކޮފީ ނުބޮއި ހުރުމުން ފުއްދާލެވޭކަށް ނެތެވެ. ސިކުނޑިއަށް ފުރިހަމަ އަރާމު ލިބޭނެ ފަދަ އާދަކާދަތައް އަށަގަންނުވައި، ދުވާލުގެ ވަގުތުތަކުގައިވެސް ކެފީން ބޭނުންކުރެވޭ މިންވަރާމެދު ވިސްނައި، ބޯ މިންވަރު މަދުކުރުމަކީ މުހިންމު ކަމެކެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.