ހުޅުމާލޭގައި ނަފްސާނީ ބަލިތަކަށް ހާއްސަކޮށްގެން އަޅަން ނިންމާފައިވާ 50 އެނދުގެ ހޮސްޕިޓަލް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ.

މި މަޝްރޫއަކީ ރާއްޖޭގައި ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް ފުޅާކޮށް، ފަރުވާގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 01:00 އެވެ. އަދި ބީލަމުގައި ބައިވެރިވުމަށްޓަކައި ބިޑް ސެކިއުރިޓީގެ ގޮތުގައި 864،000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށާއި، މި ބީލަމާ ގުޅޭ އިތުރު މައުލޫމާތު އެ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހުޅުމާލޭގައި ތަރައްގީކުރާ މި ހޮސްޕިޓަލް އެޅުމަށް ވަނީ 14،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައެވެ. ނަފްސާނީ ދާއިރާއިން ދިވެހިން ބިނާކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްދާއިރު، މިވަގުތު އަތޮޅުތަކުގައި މި ހިދުމަތް ދިނުމަށްޓަކައި ބޭރުގެ ޑޮކްޓަރުން ހޯދައި، އަތޮޅު ހޮސްޕިޓަލްތަކަށް ފޮނުވުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މީގެއިތުރުން، ނަފްސާނީ ސިއްހަތުގެ ހާއްސަ ބިލެއް މަޖިލީހަށް ހުށަހެޅުމުގެ ތައްޔާރީތައް ވަމުން އަންނައިރު، ޒުވާނުންނަށް ހާއްސަކޮށްގެން ހޮޓްލައިން "1456" ވެސް ވަނީ ތައާރަފުކޮށްފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި އެކަނިވެސް 10،000 އަށްވުރެ ގިނަ މީހުން ވަނީ ނަފްސާނީ އެކި މައްސަލަތަކުގައި ފަރުވާ ހޯދާފައެވެ. މީގެ ތެރެއިން 8،000 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވަނީ މާލެ ސަރަހައްދުން ކަމަށްވާއިރު، މި ހިދުމަތް ހޯދާ މީހުންގެ ބޮޑު ބައެއް ހިއްސާކުރަނީ ޒުވާނުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 20 ޕަސަންޓު ނުވަތަ ކޮންމެ ފަސް މީހަކުން އެކަކީ ކޮންމެވެސް ކަހަލަ ނަފްސާނީ ބަލިމަޑުކަމެއް ތަހައްމަލުކުރަމުންދާ ފަރާތެކެވެ. އެހެންކަމުން، ހުޅުމާލޭގައި ގާއިމުކުރާ މި އާ ހޮސްޕިޓަލަކީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެޅިގެންދާނެ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.