އިންޓަ މިލާނަށް ކުޅެމުންއައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ، ހަތް އަހަރު ފަހުން އެނބުރި ޗެލްސީ އަށް ބަދަލުވެއްޖެއެވެ.

އުމުރުން 28 އަހަރުގެ ލުކާކޫ ގެނައުމަށް ޗެލްސީ ވަނީ އިންޓަ އަށް 97.5 މިލިއަން ޕައުންޑް ދައްކާފައެވެ. ލުކާކޫ، ޗެލްސީ އާއެކު ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި ފަހަރު ޗެލްސީން ލުކާކޫ ގަތުމަށް އިންޓަ އަށް ދެއްކި ބޮޑު އަގާއެކު އޭނާ ވެފައިވަނީ ޖުމްލަ ޓްރާންސްފާ ފީ ތަކަށް ބަލާއިރު މުޅި ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ. 2011 ވަނަ އަހަރުގައި ލުކާކޫ އެންމެ ފުރަތަމަ ބެލްޖިއަމްގެ އެންޑަލެކްޓް ދޫކޮށް ޗެލްސީ އަށް ބަދަލުވީ 17 މިލިއަން ޕައުންޑް އަށެވެ. އޭގެފަހުން، 2014 ވަނަ އަހަރު ލުކާކޫ ވަނީ 28 މިލިއަން ޕައުންޑަށް އެވަޓަން އަށް ބަދަލުވެފައެވެ.

ދެން އޭގެފަހުން، އޭނާ ވަނީ 2017 ވަނަ އަހަރު އެވަޓަން ދޫކޮށް 75 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައެވެ. އަދި އޭގެފަހުން، 2019 ވަނަ އަހަރު އިންޓަ އަށް އޭނާ ބަދަލުވީ 73 މިލިއަން ޕައުންޑަށެވެ. އެހެންކަމުން، މިހުރިހާ ޓްރާންސްފާ ފީތަކަށް ބަލާއިރު ލުކާކޫގެ ޖުމްލަ އަގަކީ 290.5 މިލިއަން ޕައުންޑް އެވެ.

މީގެއިތުރުން، ލުކާކޫ އަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ދެވަނަ އަށް އެންމެ ބޮޑު އަގުގައި ކްލަބު ބަދަލުކުރި ކުޅުންތެރިޔާ އެވެ. މިހާތަނަށް އިނގިރޭސި ވިލާތުގައި އެންމެ ބޮޑު އަގުގައި ކްލަބު ބަދަލުކުރި ކުޅުންތެރިއަކީ ޖެކް ގްރީލިޝް އެވެ. މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި މެންޗެސްޓާ ސިޓީން ވަނީ ގްރީލިޝް ގަތުމަށް އެސްޓަން ވިލާ އަށް 100 މިލިއަން ޕައުންޑް ދައްކާފައެވެ.

ބެލްޖިއަމްގެ އެންޑަލެކްޓްގެ ސީނިއާ ޓީމުގައި ޒުވާން އުމުރުގައި ވިދާލި ލުކާކޫ އެންމެ ފުރަތަމަ ގުޅުނު ބޮޑު ކްލަބަކީ ވެސް ޗެލްސީ އެވެ. ޗެލްސީގައި ހޭދަކުރީ ތިން އަހަރުގެ ތެރެއިން ދެ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓް ބްރޮމްވިޗް އެލްބިއަން އާއި އެވަޓަން އަށް ކުޅުނެވެ.

އަދި އޭގެފަހުން، ދާއިމީ އެއްބަސްވުމެއްގައި އެވަޓަން އަށް ބަދަލުވެ ދެއްކި މޮޅު ކުޅުމުގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑުން އޭނާގެ ސޮއި އަތުލިއެވެ. އެކަމަކު، ޔުނައިޓެޑްގައި އެންމެ އެކަށީގެންވާ ފަދަ ކުޅުމެއް ދެއްކޭގޮތްނުވުމުން އިންޓަ އަށް ވިއްކާލުމުން އެ ޓީމާއެކު ވަނީ ލީގު ކާމިޔާބުކޮށް ނިމިދިޔަ ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

ބެލްޖިއަމްގެ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 98 މެޗުގައި 64 ލަނޑުޖަހައިދީފައިވާ ލުކާކޫ އަކީ އެ ގައުމުގެ ތާރީޚުގައިވެސް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އެވެ. އޭނާގެ ކްލަބު ކެރިއަރުގައި މިހާތަނަށް 500 އަށްވުރެ ގިނަ މެޗު ކުޅެ، 250 އަށްވުރެ ލަނޑުޖަހާފައިވެއެވެ.

ލުކާކޫ އަކީ ޗެލްސީން މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ގެނައި ދެވަނަ ކުޅުންތެރިޔާ އެވެ. މީގެކުރީން، އެ ޓީމުން ވަނީ ފުލަމް އަށް ކުޅުނު އުމުރުން 29 އަހަރުގެ ގޯލްކީޕަރު މާކަސް ބެޓިނެއްލީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ގެނެސްފައެވެ.