ތ. ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފިއެވެ. މި މަޝްރޫއަކީ ހިރިލަންދޫގައި މަސް ފިނިކޮށް ރައްކާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅު ފުއްދުމުގެ ގޮތުން ސަރުކާރުން ފެށި މުހިންމު މަސައްކަތެކެވެ.

ހިރިލަންދޫއަކީ ދުވާލެއްގެ މައްޗަށް 30 ޓަނުގެ މަސް ގަނެ، މަހުގެ ތަފާތު އުފެއްދުންތައް ފުޅާ ދާއިރާއެއްގައި ތައްޔާރުކުރަމުން އަންނަ ރަށަކަށްވާއިރު، އެ ރަށުގައި ބާނާ މަސް ގިނަ ދުވަހަށް ތާޒާކަންމަތީ ރައްކާކުރެވޭނެ ނިޒާމެއް ގާއިމުވުމަކީ ރަށުގެ ރައްޔިތުންނާއި މަސްވެރިން ނުހަނު އެދިއެދި ތިބި ކަމެކެވެ. މި މަޝްރޫއު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 'ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓިވް މޮޑެލް' ގެ ދަށުންނެވެ.

މި އެއްބަސްވުމުގެ ދަށުން އެސްޖޭ ކޮންސްޓްރަކްޝަނުން ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއްގެ އިތުރުން 10 މެޓްރިކް ޓަނުގެ ބްލާސްޓް ފްރީޒަރަކާއި، 0 ޑިގްރީ ސެލްސިއަސްގެ އެންޓޭ ރޫމެއް ގާއިމުކުރާނެއެވެ. އަދި މަސް ޕްރޮސެސްކުރުމަށް ހާއްސަ ސަރަހައްދަކާއި، ކޮމްޕްރެސަރު ބަހައްޓާ ކޮޓަރިއަކާއި، ބެކަޕް ޖަނަރޭޓަރާއި ކަރަންޓު ވިއުގަ އަދި އަލިފާނުން ރައްކާތެރިވުމުގެ ނިޒާމުތައް ފުރިހަމަކޮށް، ސައިޓު އެއްކޮށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޯލްޑް ސްޓޯރޭޖް ގާއިމުކުރެވުމާއެކު، ބާނާ މަސް އުކާލަން ނުޖެހި ތާޒާކަންމަތީ ރައްކާކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ. މީގެއިތުރުން ހިރިލަންދޫގައި މަސް ކައްކައި ހިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކަށް އެއްވެސް މެދުކެނޑުމެއް ނެތި އަބަދުވެސް މަސް ލިބެން ހުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މި އާ ނިޒާމުގެ ސަބަބުން ހިރިލަންދޫގެ އިގްތިސާދަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބި، މަސްވެރިންނަށް ލިބޭ އާމްދަނީ ބޮޑުތަނުން އިތުރުވެގެންދާނެއެވެ. އަދި މިއީ މަސްވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް އެޅިގެންދިޔަ ވަރަށް ބޮޑު ބާރެކެވެ.