ވ. ފުލިދޫގައި ކުރިއަށް ގެންދިޔަ މޫދު ކްލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވެގެން ސިއްހީ މަރުކަޒަށް ގެންދިޔަ 39 އަހަރުގެ ދިވެހި އަންހެނަކު ފަރުވާދެމުން ދަނިކޮށް ނިޔާވި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

މި ހަރަކާތަކީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނަށް އަމާޒުކޮށްގެން ރަށު ފެންވަރުގައި ކުރިއަށް ގެންދިޔަ މޫދު ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށް ދަނިކޮށް، ބައިވެރިންނަށް ދިން "ވޯޓަރ ބްރޭކް" ގަޑީގައި އެއްގަމަށް އަރަން ދިޔަ އެ އަންހެން މީހާ ވަނީ ނޭވާލާން އުނދަގޫވާ ކަމަށް ބުނެފައެވެ.

ހާލަތު ގޯސްވުމާ ގުޅިގެން އޭނާ ވަގުތުން ފުލިދޫ ސިއްހީ މަރުކަޒަށް ގެންގޮސް އަވަސް ފަރުވާ ދޭން ފެށިއެވެ. ނަމަވެސް، ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް އެ ދުވަހުގެ އިރުއޮއްސި 18:14 އެހައިކަންހާއިރު އޭނާ ވަނީ ނިޔާވެފައެވެ.

ނިޔާވި މީހާގެ ހަށިގަނޑު ވަނީ އިތުރު މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްޓަކައި މާލެ ގެނެސްފައެވެ. އަދި އައިޖީއެމް ހޮސްޕިޓަލުގައި ހަދަންޖެހޭ ޓެސްޓުތައް ފުރިހަމަކުރުމަށްފަހު، ރޭ ދަންވަރުގެ ވަގުތެއްގައި ހަށިގަނޑު ވަނީ އޭނާގެ އާއިލާއާ ހަވާލުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އެންމެހައި ކަންކަން ފުލުހުންގެ އިދާރާއިން މިހާރު އަންނަނީ ވަރަށް ގާތުން ތަހުގީގުކުރަމުންނެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލުތައް ހޯދައި، ކަން ހިނގައިދިޔަ ގޮތް ސާފުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.