އޮންލައިންކޮށް ވިޔަފާރިކުރާ މަގުބޫލު ޕްލެޓްފޯމެއް ކަމަށްވާ "ގްލޯބަލް ދުކާން" މެދުވެރިކޮށް ކުރާ އެންމެހައި މުއާމަލާތްތަކަށް ދިވެހި ރުފިޔާއިން ފައިސާ ބަލައިގަންނަން ނިންމައި، އެކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
މި ބަދަލާއެކު އޮންލައިންކޮށް ވިޔަފާރިކުރާއިރު ބޭންކުތަކުން ކަނޑައަޅާފައިވާ ބޭރު ފައިސާގެ ލިމިޓަށް ބަރޯސާވާންޖެހޭ ޖެހުމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.
ގްލޯބަލް ދުކާނުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އާ އިންތިޒާމަށް އަމަލުކުރަން ފަށާނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން އެ ޕްލެޓްފޯމް މެދުވެރިކޮށް ގަންނަ ކޮންމެ އެއްޗަކަށްވެސް އެއްވެސް ދަތިކަމެއް ނެތި ސީދާ ދިވެހި ރުފިޔާއިން ފައިސާ ދެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއީ އިންޑިއާގެ ނަން މަޝްހޫރު އެތައް ބްރޭންޑްތަކެއްގެ މުދާ އެއްތަނަކުން ގަންނަން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ "ގްލޯބަލް ދުކާން" ބޭނުންކުރާ ދިވެހިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ. ހާއްސަކޮށް، އިންޑިއާއިން އޮންލައިންކޮށް ތަކެތި ގެނެސްގެން ރާއްޖޭގައި ވިއްކާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑޮލަރުގެ ދަތިކަމާ ކުރިމަތިނުލައި، ފަސޭހަކަމާއެކު މުދާ އެތެރެކުރުމުގެ ފުރުސަތު މިކަމުގެ ސަބަބުން ހުޅުވިގެންދާނެއެވެ.
މި ހިދުމަތް ބޭނުންކުރުމަށްޓަކައި ގޫގުލް ޕްލޭސްޓޯރުން ނުވަތަ އެޕަލް އެޕްސްޓޯރުން އެޕްލިކޭޝަން ޑައުންލޯޑް ކޮށްގެން ނުވަތަ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ފަސޭހަކަމާއެކު އެކައުންޓް ހުޅުވައިލެވޭނެއެވެ. އެޕަށް ލޮގިންވުމާއެކު ހޯމް ސްކްރީނުން އިންޑިއާގެ މަޝްހޫރު އީކޮމާސް ޕްލެޓްފޯމްތައް ފެންނަން ހުންނާނެ ކަމަށްވެސް އެ ޕްލެޓްފޯމުން ބުންޏެވެ.
މި މާކެޓްޕްލޭސް ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ޕްލެޓްފޯމެއް ހިޔާރުކުރުމަށްފަހު، އެ ތަނަކުން ގަންނަން ބޭނުންވާ ތަކެތި ނަގައި "ޝޮޕް ވިއާ ގްލޯބަލް ދުކާން" އަށް ފިތާލުމުން ކާޓަށް އެ ތަކެތި އިތުރުވެގެންދާނެއެވެ. އަދި އެކި ޕްލެޓްފޯމްތަކުން ނަގާ މުދަލަށް އެއްފަހަރާ ދިވެހި ރުފިޔާއިން ފައިސާ ދައްކައިލެވޭނެ އިންތިޒާމު ހަމަޖެހިފައިވުމަކީ ވިޔަފާރިކުރުމުގައި ކަސްޓަމަރުންނަށް ލިބޭނެ އިތުރު ހަލުވިކަމެކެވެ.
