ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތީ އެތައް ސަތޭކަ އަހަރުވީ ބަދަހި ގުޅުމެއް ކަމަށާއި އެއީ ދެ ގައުމުގެ އިސްލާމީ ވަހުދަތާ ގުޅިލާމެހިފައިވާ ހާއްސަ ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުއިއްޒު ވަނީ ގައުމީ ދުވަހުގެ ހެޔޮއެދުންތައް ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދަށާއި، ވަލީއަހުދު އަދި ޕްރައިމް މިނިސްޓަރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ އިތުރުން ޝާހީ އާއިލާއަށާއި އެ ގައުމުގެ އެންމެހައި ރައްޔިތުންނަށް ފޮނުއްވާފައެވެ.
ސައުދީ އަރަބިއްޔާގެ ރަސްގެފާނަށާއި ވަލީއަހުދަށް ރައީސް ވަކިވަކިން ފޮނުއްވި މެސެޖުގައި، ސައުދީއަކީ ރާއްޖެއަށް އަބަދުވެސް އިތުބާރު ކުރެވޭ މުހިންމު ބައިވެރިއެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެ، ދެ ގައުމުގެ ރައްޔިތުންނަށް އޭގެ ފައިދާއާއި މަންފާ ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުން އިތުރަށް ފުޅާކުރުމަށް ރާއްޖެއިން އަބަދުވެސް ބޭނުންވާ ކަމަށެވެ. މީގެއިތުރުން، ރާއްޖޭގެ އިގްތިސާދީ އަދި ތަރައްގީގެ އެކި ދާއިރާތަކަށް ސައުދީ ސަރުކާރުން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި، ސައުދީ އިސްވެރިންނަށް އެމަނިކުފާނު ވަނީ އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ސައުދީގެ ރަސްގެފާނާއި ވަލީއަހުދަށް ދުޅަހެޔޮ ސިއްހަތަކާއި ފުރިހަމަ ކާމިޔާބީއަށް ވަނީ އެދިވަޑައިގެންފައެވެ. ހަމައެއާއެކު، ސައުދީ އަރަބިއްޔާގެ އަހުންނާއި އުހުތުންނަށް އަމަންއަމާންކަމާއި ދާއިމީ ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެން ދިވެހި ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ވަނީ ހެޔޮދުއާ އަރިސްކުރައްވާފައެވެ.
