ބޯފެނުގެ ތެރޭގައި އެކުލެވޭ ލޮލަށް ނުފެންނަ ވަރުގެ ކުދި ޕްލާސްޓިކް އެތިކޮޅުތައް ނުވަތަ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކުން ރައްކާތެރިވުމަށް އަގުބޮޑެތި ޒަމާނީ ފިލްޓަރުތަކުގެ ބަދަލުގައި ވަރަށް އާދައިގެ، ފަސޭހަ ގޮތަކުން ހައްލު ހޯދިދާނެކަން ސައިންސްވެރިން ހާމަކޮށްފިއެވެ.

އެމެރިކަން ކެމިކަލް ސޮސައިޓީގެ ދިރާސާއަކުން ދައްކާ ގޮތުގައި، ބޯފެން އެންމެ ފަސް މިނެޓު ވަންދެން ކައްކައިލުމަށްފަހު ފުރާނައިލުމުން، ފެނުގައި އެކުލެވޭ މިފަދަ ޕްލާސްޓިކްގެ 90 އިންސައްތަ އެއްކޮށް ނައްތައިލެވެއެވެ.

މި ދިރާސާ ކުރިއަށް ގެންދިޔަ ސައިންސްވެރިން ބުނި ގޮތުގައި، މިކަން ހިނގަނީ ފެން ކެކޭ ވަގުތު އޭގައި އެކުލެވޭ ކެލްސިއަމް ފަދަ މިނަރަލްސްތައް ގަނޑުވެ، ހުދުކުލައިގެ ތޮށިގަނޑެއް ނުވަތަ ލައިމްސްކޭލްގެ ސިފައަށް ބަދަލުވާތީއެވެ. އެގޮތަށް މިނަރަލްސްތައް އެއްވެ ގަނޑުވާ ވަގުތު، ފެނުގައި އޮޔާދާ މައިކްރޯޕްލާސްޓިކްގެ ކުދި ޒައްރާތައް އޭގެ ތެރޭގައި ތަޅުއެޅި، ބަންދުވެއެވެ. އޭގެފަހުން ފެން ހިހޫވުމުން ސައި ފުރާނާ ކަހަލަ އާދައިގެ ފުރޭންޏަކުން ނުވަތަ ކޮފީ ފިލްޓަރަކުން ފުރާނައިލުމުން، އެ ހުރިހާ ޕްލާސްޓިކް ކުނިތައް ފެނުން އެއްކޮށް ވަކިވެގެންދެއެވެ.

ޕްލާސްޓިކްގެ ޒައްރާތައް ހަށިގަނޑަށް އެތެރެވުމަކީ ދިގުމުއްދަތުގައި ސިއްހަތަށް ނުރައްކާތެރި މައްސަލަތައް ކުރިމަތިކުރުވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ. ހާއްސަކޮށް ހޫނުގަދަ މާހައުލެއްގައި ޕްލާސްޓިކް ފުޅީގައި ގިނަ ދުވަހު ބަހައްޓާ ފެނަށް މައިކްރޯޕްލާސްޓިކް އެޅުމުގެ ފުރުސަތު ބޮޑުއިރު، ރާއްޖޭގައި އާންމުކޮށް ބޮވެނީ ފުޅިފެނާއި ވާރޭފެން އަދި އާރުއޯ އިސްކުރު ފެނެވެ. ވުމާއެކު، މިއީ ދިވެހިންގެ ސިއްހީ ރައްކާތެރިކަމަށް ބެލި ނަމަވެސް ނުހަނު މުހިންމު ހޯދުމެކެވެ.

ގޭބިސީތަކުގައި އަގުބޮޑެތި ފިލްޓަރޭޝަން ސިސްޓަމްތައް ގާއިމުކުރުމަށް ބޮޑު ހޭދައެއް ކުރަން ނުކުޅެދޭ ހާލަތްތަކުގައި، އާދައިގެ ގޮތަކަށް ފެން ކައްކައިގެން ފުރާނައިގެން ބުއިމަކީ ކޮންމެ މީހަކަށްވެސް އަމިއްލަ ގޭގައި ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. މި އާދައިގެ އުކުޅުގެ ސަބަބުން، ހަށިގަނޑަށް ޕްލާސްޓިކް އެތެރެވުން ވަރަށް ބޮޑަށް ދަށްކޮށްދީ، ސިއްހަތު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ.

ރިފަރެންސް:

  • އެންވަޔަރަންމަންޓަލް ސައިންސް އެންޑް ޓެކްނޮލޮޖީ ލެޓާސް: "ޑްރިންކިން ބޮއިލްޑް ޓެޕް ވޯޓާ ރެޑިއުސަސް ހިއުމަން އިންޓޭކް އޮފް ނެނޯޕްލާސްޓިކްސް އެންޑް މައިކްރޯޕްލާސްޓިކްސް"

  • އެމެރިކަން ކެމިކަލް ސޮސައިޓީ (އޭސީއެސް ނިއުސް): "ވޯންޓް ފިއުވާ މައިކްރޯޕްލާސްޓިކްސް އިން ޔޯ ޓެޕް ވޯޓާ؟ ޓްރައި ބޮއިލިން އިޓް ފަސްޓް"